ބޭންކް އޮފް މޯލްޑިވްސްއިން ކަނޑާލި ޑޮލަރު ލިމިޓު އެކުންފުނީގެ ބޯޑު ބައްދަލުވުމަށްފަހު އަނބުރާ ދީފިއެވެ.
ބީއެމްއެލްގެ ބޯޑު ބައްދަލުވުމުގައި ކުރިން ކަނޑާލި ޑޮލަރު ލިމިޓު އަލުން ދިނުމަށް ނިންމާނެ ކަމުގެ މައުލޫމާތު ސަންގަށް ކުރިން ވަނީ ލިބިފައެވެ. މި ބައްދަލުވުމަށް ފަހު ބޭންކުން ބުނެފައިވަނީ ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތަކަކީ ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި ގެނެވުނު ބަދަލެއް ކަމަށެވެ. ބީއެމްއެލްއިން މިއަދު ހެނދުނު ނެރުނު ނަޔާނުގައި ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ވަނީ ބުނެފައެވެ.
ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް:
- މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބުން.
- މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބުން.
- މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.
މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން ކަމަށެވެ. އަދި ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް ކަމަށްވެސް ވިދާޅުވިއެވެ.

