ރާއްޖޭގައި މާލީ ހާލަތު ގޯސްކޮށް މިވަގުތު އޮތް ނަމަވެސް އަހަރު ނިމިގެން ދާއިރު ރަނގަޅު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކެބެނެޓު އާއި އެކޮނޮމިކް ކައުންސިލްގެ މަސައްކަތުން ޑޮލަރުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި އަދި އޭގެ އިތުރުން ގްރޯތް ޕްރޮޖެކްޓްރީ ސަސްޓޭނު ކުރެވޭނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަށްޓައި ވަރަށް ގިނަ ފިޔަވަޅު ތަކެއް އެޅިގެން ދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ، ކޮވިޑްގެ ފަހުން ދިމާވި ދަތިތަކާއެކު، ނިމިދިޔަ އަހަރު ނޮވެންބަރ މަހު ސަރުކާރާއި ހަވާލުވިއިރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރެވިއްޖެނަމަ މި އަހަރު ނިމުމުގެ ކުރިން ރަނގަޅު ނަތިއްޖާއެއް ލިބިގެންދާނެ ކަމަށާއި އަދި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެކި ޤައުމުތަކުން ފަންޑު ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ފެހި ސިގުނަލް ލިބިފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކި ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ދޭދޭ ގުޅުން ބަދަހި ކުރުމަށާއި އަދި ބައިނަލް އަޤްވާމި ޖަމިއްޔާތަކާއި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރައްވައިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ، ޗައިނާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމަށް ދައްކަން ޖެހޭ ލޯނު ދެއްކުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ކުރައްވާފައިވާނެކަމަށް ވިދާޅުވިއެވެ. އަދި އިތުރު ފަންޑިން ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގެ ޤައުމުތަކަށް ވަޑައިގެންނެވިކަމަށާއި އެ މަސައްކަތުގައި ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އަދި ފަންޑު ހޯދުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

