މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނީ ބަދަލުތަކެއް ގެންނަންޖެހޭނަމަ އެކަންވެސް ކުރާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރަމުންދާ އިސްލާހީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އުޝާމް ވިދާޅުވީ، މިއަދުވެސް ކެބިނެޓުގައި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށާއި ނޫސްވެރިންނާއި ބައްދަލުކޮށްފައިވަނީ ކެބިނެޓު ބައްދަލުވުން ނިންމާލި ގޮތަށް ކަމަށް ހާމަކުރެއްވިއެވެ.
އުޝާމް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ބައެއް ކަހަލަ ގާނޫނީ އިސްލާހުތަކާއިމެދު މަޝްވަރާކުރެވި ގޮތްތަކެއް ނިންމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސް ޑޮލަރުގެ ދަތިކަމަށް އިތުރު ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަމަށާއި އިންކަމް ޓެކްސް ގާނޫނަށްވެސް ބަދަލުތައް ގެނައުމަށް މަޝްވަރާކޮށްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އުޝާމް ވިދާޅުވީ މީރާއާއިއެކު އިތުރަށް މަސައްކަތްތައް ކޮށް އެ މުއައްސަސާގެ ކަލެކްޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ގަވައިދުތަކަށް ބަދަލު ގެނައުމާއި ގާނޫނީ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނަމަ އެކަންވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުންދަނީ އެމްއެމްއޭ އާއިއެކުވެސް މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އަދި އެ މަސައްކަތްތަކުގެ އަމާޒަކީވެސް ބޭރު ފައިސާ ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުންކަމަށް ވިދާޅުވިއެވެ./

