ސްކޫލު ދުވަސްވަރުގެ ޙަޤީޤީ ބޭނުމަކީ ޤައުމަށް ހިދުމަތްތަކެއް ކުރުމަށްޓަކައި އަދި އަމިއްލަ ހަޔާތް ބިނާކުރުމަށްޓަކައި މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ ނިޔަތުގައި ތަޢުލީމު ހާސިލް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސްކޫލުއަކީި ތިމާގެ ފަރާތުން ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި ވިސްނާފިކުރުކޮށް އެކަމަށް ތައްޔާރު ވުމަށް ވަންނަ ތަނެއް ކަމަށެވެ. އަދި ތަމްރީނު ދިނުމާއި ތަމްރީނު ލިބިގަތުގެ ބޭނުމަކީ އެއީ ކަމަށާއި ކޮންމެ ސްކޫލެއްގައިވެސް ކޮންމެ ދަރިވަރަކުވެސް ކިޔަވައިފައިވަނީ އެ އަޒުމުގައި ކަމަށާއި އަދި ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ތައުލީމު ހާސިލް ކުރަމުން ދާނީ އެ ނިޔަތުގައި ކަމަށް އުންމީދު ކުރައްވައި ކަމަށް ވަނީ ވިދާޅުވެފައެވެ.
ހިތްވަރާއިއެކު ނުގުޑާފަދަ އަޒުމެއްގައި ބުރަ މަސައްކަތްކޮށްފި ނަމަ ކާމިޔާބު ނުވާނެ އެއްވެސް ކަމެއް ނޯށްނާނެ ކަމަށް ދަރިވަރުންނަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ނަސޭހަތް ދެއްވައިފައެވެ. އަދި ތައުލީމު ހާސިލްކުރާއިރުގައި އާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަސައްކަތް ކުރައްވަންވާނީ އެ އަޒުމުގައި ކަމަށެވެ. އަަދި ތިމާގެ ހަޔާތުގައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް ހިންމަތާއި ވަރުގަދަ އަޒުމެއްގައި ބުރަ މަސައްކަތް ކޮށްފިނަމަ، ދަތި އުނދަގުލެއް ނޯއްނާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
އެހެންކަމުން ކޮންމެ މީހެއެވެސް އަޒުމްކަނޑައަޅަންވާނީ އެ މީހެއްގެ ފަރާތުން މުޖުތަމައުއަށް ކަމެއް ކޮށްދިނުމާއި، ޤައުމަށް ކަމެއް ކޮށްދިނުމުގައި މަސައްކަތް ކުރުން ކަމަށެވެ.

