ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު ޚިޔާނާތްތެރިޔާކަމަށް މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަށް އަލިއަޅުއްވާ، ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރި އެންމެންގެ ތެރެއިންވެސް އެންމެ ބޮޑު ހިޔާނާތެއްވީ ރައީސް ޔާމީންކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ޖަލަށްލީކަމަށާއި، އަދި އެންމެ ފަހުން އެއްބަފާ ބޭބޭފުޅުވެސް ޖަލަށްލީކަމަށް ފަލާހު ވިދާޅުވިއެވެ.
ރައީސް ޔާމީންއަކީ ހަސަދަވެރި އަދި ބޮޑާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށް، ފަލާހު ވިދާޅުވީ އެހެން ރައީސުންނަށް ދޭން ޖެހޭ އިހުތިރާމްވެސް ނުދެއްވާކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަމިއްލަ މަންފާއަށް ނުބައި އަމަލުތަކެއް ހިންގާފައިވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވޭނެކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފެށުމުން، އެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާނެކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ފަރާތްތައް ހޯދާނެކަމަށެވެ. އަދި އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ސިންގަޕޫރުގެ އެކައުންޓުތަކުގައިވެސް ރައްކާކޮށްފައިވާކަމަށް ފަލާހު ވިދާޅުވިއެވެ. މި ފައިސާ ހުރީ ޑޮލަރުގެ ގޮތުގައިކަމަށާއި، ރާއްޖެއަށް އެ ފައިސާ އެތެރެ ކުރިނަމަ ޑޮލަރުގެ އަގު މިހާ މަތިނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޑޮލަރުގެ އަގު މަތިވުމަށް މިފަދަ އެތައް ސަބަބުތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފައިސާ ޗާޕުކުރިކަން ފާހަގަކޮށް، ފަލާހު ވަނީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އަދި މި ފައިސާއިން ބޮޑެތި ވައްކަންތައް ކޮށްފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ.
ހަގީގަތުގައި ބޮޑު ވައްކަމެއް އެއީ، ރައްޔިތުންގެ މަޖިލީހުން ހުއްދަ ދިން މިންވަރަށް ވުރެ އިތުރަށް ރުފިޔާ ޗާޕުކޮށްފައި ހުރީ. ދެ ކޮންޓެއިނާ ފައްޔާޒުވެސް ގެނައިކަމަށް ވަނީ ވަގަށް.
ފަލާހު ވިދާޅުވިއެވެ.
ސަރުކާރުން ވައްޓާލުމަށް މަސައްކަތް ކުރަނީ މިހެން ހުރި ހިޔާނާތްތައް ބެލުމުގެ މަސައްކަތް ސަރުކާރުން ކުރާތީކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ހިންގީވެސް އެފަދަ މަސައްކަތެއްކަމަށެވެ. އެއީ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށާއި، އެބޭފުޅުންގެ މަގްސަދަކީ ބަޣާވާތް ނުވަތަ މުޒާހަރާކޮށްގެން ސަރުކާރު ވައްޓާލުންކަމަށް ފަލާހު ވިދާޅުވިއެވެ.
ގައުމެއްގައި ގާއިމް ކޮށްފައިވާ އުސޫލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ގައުމަށް ގައްދާރުވުމުގެ ގޮތުގައި ފަލާހު ވަނީ ސިފަކުރައްވާފައެވެ. އަދި ނިޒާމުތައް ފުޑުފުޑުކޮށްލައިގެން ވެރިކަމަށް އަންނަ ބޭފުޅުންގެ ހިތުގައި ގައުމަށް އެއްވެސް އިހުލާސްތެރިކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

