ހެލްތު ޗެކަޕްއެއް ހެއްދެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް، އޭގެ އިތުރަށް އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ނަމަވެސް ރައީސް ވަނީ މިކަމާއި ގުޅިގެން ރޭ އޮތް ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކާފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރާއި ގުޅިގެން އެކި ގޮތް ގޮތަށް ވާހަކަދައްކާކަމަށެވެ. މިހެން ދެކެވޭ ބައެއް ވާހަކަތައް ދޮގު ކުރައްވާ ރައީސް ވިދާޅުވީ، ބައެއް ވާހަކަތަކުގައި ހަގީގަތް ހިމެނެއެވެ.
މި ދަތުރުފުޅަކީ ކުޅެނިކޮށް ލިބުނު އިންޖަރީއަކާއި ގުޅިގެން ކުރައްވާ ދަތުރެއްކަމަށް ވިދާޅުވިއެވެ. އެގޮތުން މި ދަތުރުގެ ބޭނުމަކީ މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު ”ސެކަންޑް އޮޕީނިއަން“ އެއް ހޯއްދެވުންކަމަށް ވިދާޅުވިއެވެ. މިއީ ދެ ތިން އަހަރު ކުރިން ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއެއްކަމަށް ފާހަގަކުރެއްވިއެވެ.

