ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ދައްކަންޖެހޭކަން ކުރިންވެސް އެނގޭ، ދެވަނަ ދައުރެއް ހޯދަން އުޅުނީ ތައްޔާރުވެގެން ތިބެ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއްގެ ބޮލުގައި ދަރަންޏެއް އެޅުވުމަށްފަހު އެމްޑީޕީއިން ނުފިލާކަމަށާއި އިތުރު ދައުރެއް ހޯދުމަށް އެމްޑީޕީއިން މަސައްކަތް ކުރީ އެކަން އެނގިތިބެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަދައްކަމުން މައުރޫފްވަނީ އެ ޕާޓީއިން ދިވެހިރާއްޖޭގެ މާލީ ނިޒާމު ފުނޑުފުނޑުކޮށްލާފައިވާކަމަށް ބުނެ ސަރުކާރުން ފާޑުކިޔަމުންދިއުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާފައެވެ. މައުރޫފް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ފަހު ކޮޅުގައި އެ ޕާޓީއިން އައީ ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތާއި އިގްތިސާދުގެ އިތުރުން މާލީ ހާލަތުވެސް ވަރަށް ރަނގަޅަށް ބަޔާންކޮށް ބުނެދެމުންކަމަށެވެ. އަދި އެ ޕާޓީއިން އިންތިހާބުގައި ވާދަނުކޮށް ފިލީ ނޫންކަމަށާއި، ރިޔާސީ އިންތިހާބުގައި ކުރިމަތިލައިގެން ނާކާމިޔާބުވީކަމަށް ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، ދެން އަންނަ ބައެއްގެ ބޮލުގައި ދަރަންޏެއް އެޅުވުމަށްފަހު އެ ޕާޓީއިން ފިލައިގެން ނުދާކަމަށާއި ދެވަނަ ދައުރެއް ހޯދުމުގެ ގޮތުން އެމްޑީޕީއިން އިންތިހާބުގައި ވާދަކުރިކަމަށެވެ. އަދި އެކަން ކުރީ ހިސާބުތަކެއް ޖެހުމަށްފަހު ދަރަނި ދެއްކޭނެ ގޮތްތައް އެނގި ތިބެކަމަށާއި ކެމްޕެއިންގެ ތެރޭގައި އެ ވާހަކަތައް ދައްކަމުން އައިސްފައިވާނެކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި އިރު ރައީސް ޑރ މުއިއްޒު ވިދާޅުވަމުން އައީ އިގްތިސާދާއި މާލީ ކަންކަމާއިމެދު އެއްވެސް ހާސްކަމެއް ނެތް ވާހަކަ ކަމަށާއި ހުރި މައްސަލަތައް ފޫބަައްދާނެ ގޮތް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވަމުން ގެންދެވިކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުނުކުރާނެކަމަށާއި ރައްޔިތުންނަށް ދެރަވާނެ ގޮތެއް ނުހަދާނެކަމަށް ރިޔާސީ ބަހުސް ފަދަ ޕްލެޓްފޯމްތަކުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވިކަމަށެވެ. އަދި ކެމްޕެއިން ދުވަސްވަރު އެމަނިކުފާނު ރަށްތަކަށް ވަޑައިގެން އާދަޔާ ހިލާފަށް ވައުދުތައް ވަމުން ގެންދެވިކަމަށް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ރައްޔިތުން މި ވެރިކަން ގެނައީ އެ މަޅީގައި ޖެހިގެންކަމަށާއި އެހެންނަމަވެސް އެ ފުރުސަތު ދިނުމުން ހަވާލުވީ ގައުމަކާއި ކަމެއްވެސް ޕީއެންސީއަށް ނޭނގުންކަމަށެވެ. އޭނާ ވިދާޅުވީ، ކުރަންހުރި އެތައް ކަމެއް ހުރިއިރު ސަރުކާރުންވަނީ ކުއްލިޔަކަށް ޑްރޯންއެއް ގަނެފައިކަމަށާއި ކަނޑުގައި ޓަނަލްއެއް އަޅާ ވާހަކަވެސް ސަރުކާރުންވަނީ ދައްކާފައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުލިޔާގޭގައި ލިފްޓެއް ހަރުކޮށް އަގުބޮޑު ކަރޯކޭ ސިސްޓަމެއްވެސް ގަނެފައިވާކަމަށެވެ. އަދި ބުރިޖުވެސް އެހެން ގޮތަކަށް ބަދަލުކޮށްލާ ވާހަކަވެސް ސަރުކާރުން ދައްކާފައިވާކަމަށާއި ވާއެއް ނުވާއެއް ނޭނގޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 2025 އާއި 2026 ވަނަ އަހަރުގައިވެސް ދަރަނިތަކެއް ދައްކަންޖެހޭކަން އިންތިހާބުގެ ކުރިންވެސް އެނގޭކަމަށާއި އެމްޑީޕީއިން ދެވަނަ ދައުރެއް ކާމިޔާބުކުރަން މަސައްކަތްކުރަމުން ދިޔައީ އެކަމަށް ތައްޔާރުވެގެންކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް ހަދާނެ ގޮތެއް ނޭނގުމާއި ބޯހަރުކަމުގެ ސަބަބުން މި ފަހުން ފެންމަތިވި މައްސަލަތަކާއިއެކު ރައްޔިތުން ޝޮކަކަށް ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ، މުޅި މާލީ ނިޒާމަށް ނުފޫޒު ފޯރުވައި ގާނޫނުތަކާއި ހިލާފަށް ބެންކުތަކަށް އަތްބާނަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: