އެމްޑީޕީގެ ވެރިކަން ނިމުމާއި އެކު، ދިވެހިން ތިބީ އައު ވެރިކަމެއް ގެނެސް، އެއިރު ވެރިކަމުގެތެރޭ ހުރި މައްސަލަތައް ހައްލު ކުރާނޭ ގޮތެއް ހޯދުމަށް ކެތް މަދުވެފައިއެވެ. ވާނުވާ ނޭނގޭ އެތައް ހިޔާނާތުގެ ތުހުމަތު ތަކާއި، ތަރައްގީގެ މަޝްރޫއުތަކުގެ އާދަޔާ ޚިލާފު މަޑު ދުވެލި ދިވެހީންނަށް ވީ، ބަލައިގަތުމަށް ވަރަށް ދަތި ކަމަކަށެވެ. ކަން ދިމާކުރި ގޮތުން، 2013އިން 2018 އަށް ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީންއަށް 2023 ވަނަ އަހަރުގެ އިމްތިހާބުގައި ބައިިވެރި ވެވޭނެ ގޮތެއް ނުވިއެވެ. އެހިސާބުން ވެރިކަމަށް ނިކުތުމަށް އިސް ނެންގެވީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ގިނަ ބަޔަކަށް ޤަބޫލު ކުރެވޭ ގޮތުގައި، ރާއްޖެ ދުއް އެންމެ ބާރު ތަރައްގީގެ ދުވެލި ފެނިގެން ދިޔައީ 2013 އިން 2018 އާއި ދޭތެރޭއެވެ.
މި އަހަރުތަކުގައި، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވަޒީރުކަން ފަދަ މުހިންމު މަގާމްތައް ފުރުއްވާފައިއެވެ. އަދި އެއާއި އެކު، ރައްރިތުންގެ މެދުގައި މަޤްބޫލް ސިޔާސީ ލީޑަރަކަށްވެސް އެ މަނިކުފާނު ވެގެން ގޮސްފައިވެއެވެ. ކަން މިހެން އޮތް އިރު އަދުގެ ސަރުކާރާއި ދިވެހީން ވެރިކަން ހަވާލުކުރީ އެތަކެއް ފޮނި އުންމީދުތަކާއި އެކުގައި އެވެ. ސުވާލަކީ މިއަދު އެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެހެމުން އެބަ އާދޭތޯއެވެ. އެހެންަމުން، ވޭތުވެދިޔަ 9 މަސް ދުވްސްތެރޭ ރާއްޖެއަށް އައި އެކި ބަދަލުތަކަށް ނަޒަރު ހިންގާލާނަމެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އިންޑިޔާއާއި ބާއްވަމުން ގެންދިޔަ ގާތް ގުޅުމުގެ ތެރެއިން، އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔަ ކަމުގެ ތުހުމަތު ހުއްޓުމެއް ނެތި ކުރަމުން ދިޔައެވެ. ދިވެހީން ބޭނުންވީ، އައު ސަރުކާރެއް ގެނެސް، މިކަމުގެ ހަގީގަތް ބަލައި، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިނަމަ، އަވަސްގޮތަކަށް ރާއްޖޭގެ ފަސްގަނޑުން އެމީހުން ބޭލުވޭނެ ވަރުގެ ވެރިޔަކު ގެނައުމަށެވެ. އެ ދުވަސްވަރު އިންޑިޔާ އައުޓްގެ ނަމުގައި ޕީޕީއެމް ޕީއެންސީގެ ކޯލިޝަންއުން ހިންގަމުންދިޔަ ކެމްޕޭންގެ ތެރެއިން، މިކަމުގައި ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭނެ ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައި ގިނަ ބަޔަކަށް ޤަބޫލު ކުރެވުނެވެ. މިއަދު ސަރުކާރުގެ މެނިފެސްޓޯގައި އެކަން ހިމަނައި މިއަދު މިވަނީ ވެރިކަމުގެ ފުރަތަމަ ހަ މަސް ތެރޭ އިންޑިއާ ސިފައިން ރާއްޖެއިން ބާލައި، ދިވެހީންގެ ފަސްގަނޑުގައި ދިވެހި ސިފައިން ނޫން އިތުރު އެއްވެސް އަސްކަރީ ބާރަކަށް ތަނެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހީންނަށް ދެއްވައިފައެވެ. އަދި އެއާއި އެކު، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްސު ބެލެހެއްޓުމުގެ ފުރިހަމަ ކޮންޓްރޯލް ދިވެހި ސިފައިންނަށް ދެއްވައިފައެވެ.
ޝަރުއީ ދާއިރާ.
2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް، ޝަރުއީ ދާއިރާވި ވަކި ބައެއްގެ މުށޫތެރޭގައި އޮތް ބާރަކަށް ކަމަށް ގިނަ ބަޔަކު ދެކެމުން އައެވެ. އޭރަކު ތިބި ބަޔަކު ރުހޭ ނަމަ އަޑު އެހުންތައް ބާއްވަދީ، ނުރުހޭނަމަ ވާނުވާ ޖަހާފައިވެސް ބާއްވަމުން ގެންދިޔަ ކަމަށް ގިނަ ރައްޔިތުން ކިޔަމުން ދިޔައެވެ. ޚާއްސަކޮށް އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ދިޔައީ ނުހައްގުން އެތައް ނުފޫޒެއް ފޯރުވަމުން ކަމަށް އަޑުތައް ފެތުރެމުން ދިޔައެވެ. އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ދިވެހީންނަށް ވައުދުވެ ވަޑައިގެންފައެވެ. އަދި ހަމަ އެގޮތުގައި، ފާއިތުވެ ދިޔަ 9 މަސްދުވަހު ތެރޭ، ރާއްޖޭގެ ޝަރުއީ ދާއިރާ އޭގެ މިނިވަންކަންމަތީ ހިނގަމުން އަންނަތަން އެބަ ފެނިގެން ދެއެވެ. ބަދަލު ހިފުމުގެ ސިޔާސަތު އުވާލެވި، ކުރީގައި ވެރިކަން ކުރި ބޭފުޅުން ޖަލަށްލުން މިއަދު މިވަނީ ނިމުމަކަށް އައިސްފައެވެ.
ސަރުކާރުގެ ފަރާތުން ހިލޭ ހައްޖު ކުރުމަށް ފުރުސަތު ލިބުން.
ޝައްކެއްވެސްނެތް ގޮތުގައި ހައްޖުގެ މާތް އަޅުކަމަކީ، ދުނިޔެ މަތީގައި އަދާކުރުމަށް ފޮނުއްވި އެންމެ މާތް އަދި އެންމެ ދަރުމަހުރި އަޅުކަމެވެ. ދިވެހީންގެތެރޭގައި މި އަޅުކަން ގާއިމްކުރުމަށް މާލީ ތަނަވަސްކަން ނެތް އެތައް އާއިލާތަކެއް ދިރިއުޅެމުން އައިރު އެފަރާތްތަކަށް ސަރުކާރުގެ ހިލޭއެހީގައި ހައްޖުގެ އަޅުކަން ޤާއިމް ކުރެވޭނެ މަގެއް ތަނަވަސް ކޮށްދިނުމަކީ އަދުގެ ސަރުކާރުގެ ވައުދެކެވެ. އެގޮތުގެ މަތިން ފާއިތުވެދިޔަ ހައްޖު މޫސުމުގައި، ދިވެހި ސަރުކާރުގެ އެހީގައި ހައްޖަށް ދިވެހީންގެތެރެއިން ބަޔަކު ފޮނުވިގެން ދިޔައެވެ.
ބޯހިޔާވަހިކަން.
ބޯހިޔާވަހި ކަމަކީ ކާމިޔާބު މުޖުތަމައުއެއް ބިނާވުމުގެ އަސްލު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ފާހަގަ ކުރަމުން ދިޔައެވެ. އެގޮތުގެ މަތިން، އަސާސީ ބޯހިޔާވަހިކަމުގެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފްލެޓްގެ ކުލި އަގު ހެޔޮކޮށްދެއްވައި އެތަކެއް ޖޫރިމަނާތަކެއް ވަނި މާފް ކޮށްދެއްވައިފަ އެވެ.
ސިއްހީ ދާއިރާ.
ފާއިތުވެދިޔަ 9 މަސްދުވަސްތެރޭ ސަރުކާރުގެ އެހީގެ ދަށުން ސިއްހީ ދާއިރާގެ ތެރެއިން ބޭސް ފަރުވާގެ ހިދުމަތްތައް ތައާރަފް ކޮށްދެއްވިއެވެ. ދަރިމައި ވުމުގެ މައްސަލަތަކާއި، ފުލް ބޮޑީ ޗެކަޕް އާސަންދައިގެ ތެރެއިން ހެނދޭނެ މަގު ތަނަވަސް ކޮށްދެއްވިއެވެ. މިކަންކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ބިނާ ކުރުމަށް، ދިވެހި އިސްރައްވެހިންނަށް ނުހަނު ބޭނުންތެރި ކަންކަމެވެ. ތެލެސީމިއާ ކުދިންނަށް އެކަމުގައި ދާއިމީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހިލޭ އެހީގެ ތަރެއިން ބޯންމެރޯ ހެދޭނެ މަގު ތަނަވަސް ކޮށް ދެއްވިއެވެ. އެގޮތުގެ މަތިން ވޭތުވެ ދިޔަ 9 މަސްދުވަސްތެރޭ، ކާމިޔާބު ބޯންމެރޯ އޮޕަރޭޝަން ތަކެއް ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ ކޮށްދެއްވައިފައެވެ. އަދި ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ބައެއް ބޭސް ތަކަކީ މިއަދު ޔޫރަޕްގެ މާކެޓުން ލިބެން ހުރި ބޭސްތަކާއި އަޅާ ބަލާއިރު ވަރަށް ކޮލިޓީ ދަށް ބޭސް ތަކެން ފާހަގަކޮށް، ފާއިތުވެ ދިޔަ 9 މަސް ތެރޭ، މިފަދަ ބައެއް ބޭސްތައް ދެނެގަނެވި އޭގެ ތެރެއިިން ރަނގަޅު ފެންވަރުގެ ބޭސް، ޔޫރަޕްއިން އެތެރެކުރެވިފައިވެއެވެ.
މަސްވެރިކަމުގެ ދާއިރާ.
މަސްވެރީންގެ އެންމެ ބޮޑުކަންބޮޑުވުމަކަށް ވެފައި އޮތީ، ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް މަސްކިރުމަށްފަހު ލިބެންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމުގެ މައްސަލައެވެ. އަދި އައިސް ޕްލާޓް ފަދަ ތަންތަން، އިތުރަށް ބޭނުންވެފައިވާ ކަމަށެވެ. މި އަދަދު 1 ބިލިއަނަށް އަރައިފައި ވަނިކޮން މިހާރު މި ވަނީ އެ ދަރަނި އެކޮން އަދާކޮށް ނިންމާފައެވެ. އަދި ރާއްޖޭގެ އެކި ހިސާބު ތަކުގައި އައިސް ޕްލާޓް އެޅުމުގެ މަޝްރޫއުތައް ފެށިފައެވެ.
ޤަވައިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ.
ނުގަވައިދުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީންގެ މައްސަލައަކީ އަދިވެސް ދެމި އޮތް މައްސަލައަކަށް ވެފައިވާއިރު، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، 2000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ވޭތުވެ ދިޔަ 9 މަސްދުވަސް ތެރޭ ޑީޕޯޓް ކުރެވިފައެވެ. އަދި މިއީ މިހާރުވެސް ހިނގަމުން އަންނަ އޮޕަރޭޝަނެއްކަން ފާހަގަކޮށްލެވެ އެވެ. ނުގަވައިދުން ހިންގަމުންދާ ބިދޭސީގެ ވިޔަފާރިތައް ހުއްޓުވުމާއި، ފިލައިގެން އުޅޭ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި އަދުގެ ސަރުކާރުން އަންނަނީ ކުރަމުން ނެވެ.
އިޤްތިސޯދުގެ ޙާލަތު.
ރާއްޖެއަކީ ތަރައްގީ ވުމުގައި ބޭރުގެ ލޯންތަކަށް ވަރަށް ބޮޑަށް ބަރޯސާ ވަމުން އަންނަ ޤައުމެކެވެ. އެހެންނަމަވެސް އެ ލޯންތައް އަދާކުރުމުގައި ލުއި މަގެއް ހޯދުން ވަނީ ނުހަނު މުހިންމު ކަމަކަށް ވެފައި އެވެ. އެހެން ނޫންނަމަ ރާއްޖެއަށް ވަންނަ އާމްދަނީއާއި ލޯނު އަދާކުރަންޖެހޭ އަދަދު ނުބައްދަލުވެ، އިގްތިސާދީ އަނދަވަޅަކަށް ވެއްޓެން ދިއުމަކީވެސް ގާތްކަމެކެވެ. ވޭތުވެ ދިޔަ 9 މަސްދުވަސްތެރޭ މި ކަންކަމަށް ފުރިހަމަ ހައްލެއް ގެނެސްދެއްވާފައި ވެއެވެ. އަދި ޑިވެލޮޕްމެންޓް ބޭކް ޤާއިމް ކުރެވިގެން ދިޔައެވެ. ޑިވެލޮޕްމެންޓް ބޭކް ގާއިމްކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެ އުފައްދައި، އެ ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަން ފާހަގަކުރެއްވިއެވެ.
އެދެވޭ ބާރުމިނެއްގައި މިކަނކަން ހިނގަމުން ދާއިރު، ދިވެހި ރާއްޖޭގެ ރައްޔިތުންގެ އުންމީދަކީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް، ރާއްޖޭގެ ތަރައްގީ ހަލުވި ދުވެލީގައި ކުރިއަށް ދިއުން އަދި، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެގެން ދިއުމެވެ.

