ގިނަ އަދަދެއްގެ ޑޮލަރާއިއެކު އެއަރޕޯޓުން ހިފެހެއްޓި ބިދޭސީ މިހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
80،000 އަށް ވުރެ ގިނަ އަދަދެއްގެ ޑޮލަރާއިއެކު ބިދޭސީއަކު ފުރުމަށް ތައްޔާރުވެ އެއަރޕޯޓުގައި ހުއްޓާ އަތުލައިގަތުމާއިއެކު، ސޯޝަލްމީޑިއާގައި އެކަމުގެ މަންޒަރުތައް ދައުރުވެފައިވެއެވެ. އެ މީހާ ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު ފުލުހުންވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނެފައިވާގޮތުން 25 އޮގަސްޓުގައި ހައްޔަރުކޮށްފައިވަނީ ޝަމްހިން އިސްލާމް ޝަގުރު ކިޔާ 32 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް ބަންދުކުރުމަށް އަމުރުކޮށްފައިކަމަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މުއައްސަސާއިން ބުނެފައިވާގޮތުން ޝަމްހިންގެ މައްޗަށް ކުރެވެނީ މަނީ ލޯންޑަރިންގެ މައްސަލައެވެ. އަދި މިހާރު އެ މައްސަލައިގެ ތަހުގީގުތައް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

