ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިމާވެގެން އުޅޭ މައްސަލައަކީ، އެމަނިކުފާނު ނޫން އެހެން ވެރިއަކު މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، ހިންގަވާ ޕީއެންއެފްގެ ޖަލްސާތަކުގައި މިފަހަކަށް އައިސް ރައީސް މުއިއްޒަށް ގެންދަވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން ހިޔާނާތުގެ މަންފާ ރައީސް މުއިއްޒު ނެންގެވިކަމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް 14 މިލިއަން ރުފިޔާގެ ރިޝްވަތު ނެންގެވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ސަންގުއަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއެއްގައި އެ ވާހަކަތަކަށް ރައްދު ދީ އަބްދުއްރަހީމް ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ ރާއްޖޭގެ ވެރިކަން ބޭނުންވި ބޭފުޅަކަށް އެ ގޮނޑިއަށް ނާދެވުން ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެ ހިޔާނާތުގެ މައްސަލައާއި ގުޅުވައި ތަފާތު އެކި ލިސްޓުތައް ދައުރު ކުރިނަމަވެސް އެއްވެސް ލިޔެކިއުމެއް އަދި މީޑިއާ ރިޕޯޓެއްގައި ރައީސް މުއިއްޒުގެ ނަމެއް ނެތްކަމަށެވެ.
ވެރިކަމަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި ތުންތުން މަތީން ވެސް ނުދެކޭ ވާހަކައެއް މިއަދު ކުއްލިއަކަށް އަންނަންވީ ސަބަބަށް ސުވާލު އުފައްދައި އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ފަތުރަނީ ބޮޑާކަމާއި ކިބިރުވެރިކަން ހުރި ބައެއްކަމަށެވެ.
މިއީ ޒާތީ ހަސަދަފިޔަވައި އެހެން އެއްވެސްކަމެއް ނޫން… ވެގެން މިއުޅޭ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަގު ވައްޓާލުމަށް އަގު ވެއްޓިފައި ތިބި ބަޔަކު މަސައްކަތް ކުރުން.. ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް އަގުވެއްޓިފައި ތިބި ބަޔަކު މި ވާހަކަ މިދައްކަނީ..
އަބްދުއްރަހީމް ވިދާޅުވީ އަދީބުގެ އަތުން 14 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ރައީސް ފައިސާ ނަންގަވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީން ދައްކަވާ ވާހަކައިން ވެސް އެއީ އެހެން ބޭފުޅެއް ވެރިކަމުގައި ހުރުމުން ހަޖަމު ނުވެގެން އުޅޭ މަންޒަރުކަން އެނގޭކަމަށެވެ.
ރައީސް ޔާމީނަށް އެހެން މީހަކު ވެރިކަން ކުރާ މަންޒަރު ބަލަން، ކެތްނުކުރެވިގެން އެމަނިކުފާނުގެ ލޯފުޅަށް ކެތް ނުވެގެން އަދި އެހެން ބޭފުޅަކު ވެރިކަން ކުރައްވާއިރު ސިޔާސަތު ބައްޓަން ކުރައްވާ ގޮތުން ހިތްޕުޅަށް ކެތްނުކުރެވިގެން ދައްކަވާ ވާހަކަތައްކަމަށް އެއީ އަޅުގަނޑަށް ގަބޫލު ކުރެވެނީ..
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއާއި ގުޅުވައި ކުރި ތުހުމަތުތަކަށް ރޭ އޮތް ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވެސް ރައްދު ދެއްވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ވެސް ދައުރު ކުރަމުން ދިޔަ އެކި ލިސްޓުތަކާއި ފައިސާ ލިބުނުކަމަށް ޝައްކު ކުރެވޭ ޑްރާފްޓު ލިސްޓެއްގައި ވެސް އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް ނުވަތަ އެ ފައިސާގެ މަންފާ ނެގިކަމަށް ބުނެ މައްސަލަ އުފެދި މިވީ އަހަރުތަކުގެ ތެރޭގައި ކުރެވުނު އެއްވެސް ތުހުމަތެއް ނެތްކަމަށެވެ. ހިޔާނާތުގެ ލިސްޓެއްކަމަށް ބުނާ ލިސްޓެއްގައި ޑޮލަރު މާރުކޮށް ކުޑަކުޑަ ވިޔަފާރިއެއް ކުރި މީހާގެ ނަން އޮތް އިރު ވެސް އެމަނިކުފާނަށް ކުރި އެއްވެސް ތުހުމަތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

