ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނަށް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅުދައްކަވަންވީ ގޮތާއި ބައްޓަންކުރަންވީ ގޮތް ކިޔައިދެއްވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް އެކަން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނަށް މަޖިލީހުގައި ދަށްކަންވީ ކޮންވާހަކައެއް ކަން ކިޔައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުރުން ޕީއެންސީގެ ޗެއާޕާސަންކަމަށް ވުމާއެކު އެއީ ކުރައްވަން ޖެހެވަޑައިގަންނަވާ ވާހަކައެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެކަން ކުރުމަކީ އެއީ ޒިންމާއެއް ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެކަން ކުރައްވާނެ ކަމަށެވެ. ސަރުކާރު ދިނީ ޕީއެންސީއަށް ކަމަށް ރައްޔިތުން ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށާއި އަޖި މަޖިލީހުގެ މެޖޯރިޓީ ދީގފައިވަނީ ވެސް ޕީއެންސީއަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”އެމަނިކުފާނު އިތުބާރުކުރައްވާފައި އެމަނިކުފާނު އަޅުގަނޑުގެ ނަން ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް. އެހެންވީމަ އަޅުގަނޑު މިއަދު އެމަގާމުގައި މިހުރީ.“
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މެޖޯރިޓީ ދިން މެމްބަރުންނާއި ގާތްގުޅުމެއް ބާއްވައިގެން އެބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރައީސް މުއިއްޒު ބޭނުންފުޅުވާފަދަ ނަމޫނާ މަޖިލީހަކަށް ހެއްދެވުމަށްޓަކައި ވާހަކަފުޅުދައްކަވަންވީ ގޮތާއި ބައްޓަންކުރަންވީ ގޮތް ކިޔައިދެއްވަން ޖެހޭ ކަމަށެވެ.

