ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް މޮޅު ސްމާޓް ބޭފުޅެއްކަމަށް ކުރިން ގަބޫލު ކުރެވުނު ނަމަވެސް، މިހާރު އެއީ ތަންދޮރު ނުދަންނަ ބޭފުޅެއްކަން ޔަގީން ކުރެވޭކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ހުންނެވި ކެބިނެޓު ވަޒީރުންގެ ސަބަބުން ކޮމްޕްރޮމައިޒް ވާ ހާލަތެއްގައިކަމަށް ކުރާ ތުހުމަތުތަކަށް އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރުން އެއް މަގާމުން، އަނެއް އިދާރާއަށް ބަދަލުކުރުމަކީ ރައީސް ޔާމީން އަޅުއްވާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެ މަގުން އެންމެން އަމަލު ކުރާކަށް ނުޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދުވަހުގެ ހުރި މިޒާޖާއި އެއްގޮތަށް، އިސްވެރިން ބަދަލު ކުރުން ވަރަށް ކުރާ ހިތުން ކުރާކަމެއްގެ ގޮތުން ރައީސް ޔާމީން ކުރެއްވި ނަމަވެސް އެއީ ރައީސް މުއިއްޒު އަމަލު ކުރައްވާނެ ގޮތެއް ނޫންކަމަށެވެ. އަދި ދައުލަތެއް ހިންގަން ޖެހޭ ގޮތަކީ ވެސް އެއީ ނޫންކަމަށް ވިދާޅުވި އެވެ.
ޔާމީނަށް، ޔާމީނުގެ ވަޒީރުންނަށް އިތުބާރު ނުކުރެވުނީމާ ވަކި ކުރުމުން.. ޔާމީނު އެކަން ކުރެއްވިއޭ ކިޔާ ވަޒީރުން ދުވާލު ދެއިރު ބަދަލު ކުރަން.. ފިޔަވަޅު އަޅަން ނުކުރެވޭނެއޭ ބުނާ ވާހަކައަށް ދަންނަވަން އޮތީ ޔާމީނަށް އޮތީ ރައީސް މުއިއްޒު އޮޅިފައި..
އަބްދުއްރަހީމް ވިދާޅުވީ ފިޔަވަޅެއް އަޅަން ޖެހޭނީ އެފަދަ ހާލަތެއް އައުމުން ކަމަށެވެ. ޕީއެންއެފްގެ ޖަލްސާތަކުގައި، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އާދަމް ރަމީޒަށް ވެސް ފިޔަވަޅު އަޅަން ނުކެރޭނެކަމަށް ރައީސް ޔާމީން ގޮވަމުން ދިޔަކަމަށާއި އެކަމަކު އޭނާއި މެދު ވެސް ހަމަ ފިޔަވަޅު އެޅީ ނޫންތޯ އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ.
މިއަދު ވީ ފިނޭންސް މިނިސްޓަރު ބަދަލު ކުރާށޭ.. މިއަދުވީ ޑިފެންސް މިނިސްޓަރު ބަދަލު ކުރާށޭ، އެއީ ސަރުކާރުތައް ހިންގާ ގޮތެއް ނޫން..
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ސްމާޓު މޮޅު ބޭފުޅެއްކަމަށް ކުރިން ގަބޫލު ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިއަދު މިހާލަތަށް ކަންތައް ދިއުމުން، އެމަނިކުފާނަކީ އެއްވެސް ކަމެއް ނުދަންނަ ބޭފުޅެއްކަން އެނގިގެން ދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޯޓުކޮށް ތަންދޮރު ނުދަންނަ.. ސިޔާސީ ގޮތުން ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ..
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް، އުނދަގޫ ވަނީ އެމަނިކުފާނު ނޫން ބޭފުޅެއް ވެރިކަމުގައި ހުރުން ކަމަށެވެ. އަދި ރައީސް ޔާމީނުގެ ބޮޑާކަމާއި ކިބިރުވެރިކަން ފެނި މިއަދު ހައިރާންވާކަމަށް ވެސް ވިދާޅުވި އެވެ.

