ރައީސް ޔާމީނާއި ދެމެދު އުފެދުނީ ސިޔާސީ ގުޅުމެއް ކަމަށާއި އަދި އެ ގުޅުން ހީނަރުވުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ 2023ގެ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ގޮވާލެއްވުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޔާމީނާއި ދެމެދު އުފެދުނީ ސިޔާސީ ގުޅުމެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންދެން ގަބޫލުކުރައްވަމުން އައީ ރައިސް ޔާމީނަކީ ގައުމީ ބޭފުޅެއްކަން ކަމަށެވެ.
”އަޅުގަނޑު ހުންނާނެ އެތައް ފަހަރަކު ދަންނަވާފައި މިރާއްޖޭގައި ހުރި އެންމެ ވަރުގަދަ ވަޠަނީ ލީޑަރަކީ ރައީސް ޔާމީނޭ. އެހެންވުމާއެކު އެ ވަޠަނީ ލީޑަރަށް އަޅުގަނޑު ހިތުގައި އޮތް ވަރަށް ހައްސަ ގަދަރަކާއި އިޙުތިރާމަކާއި ލޯތްބެއް. އެއީ އެ ލޯބި އުފެދުނު ސަބަބު.“
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ރައީސް ޔާމީން ކަންކަން ކުރެއްވި ގޮތުން ރައީސް ޔާމީނުގެ އޮންނެވީ ވަޠަނީ ލޯތްބެއް ނޫންކަމަށެވެ. ރައީސް ޔާމީނުގެ އޮތީ ނަފްސީ ލޯތްބެއްކަމަށް އިނގިވަޑައިގެންނެވި ކަމަށެވެ. އަދި އެހާ ހިސާބުން ރައީސް ޔާމީނަށް އޮތް އިހުތިރާމާއި ގަދަރު ގެއްލުނީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެކުރިން ރައީސް ޔާމީން އަބަދުވެސް ވިދާޅުވީ އެންމެ ފުރަތަމަ ގައުމު ކަމަށާއި އެހެންނަމަވެސް މިއަދު އިނގިގެންދިޔައީ އެންމެ ފުރަތަމައަށް އަންނަނީ ގައުމު ނޫންކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީނަށް އޮތް ލޯބި އެއްކޮށް ގެއްލިގެން ދިޔަ ދުވަހަކީ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރައްވަން އެންގެވި ދުވަސް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެދުވަހުގެ އެ ބަގުތާއި ހަމައަށް އެންމެ ތާއީދު ކުރައްވަމުން އައި ވެރިއަކީ ރައީސް ޔާމީން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ 5 އަހަރު ދުވަހު މަގުމަތީގައި ކުރި މަސައްކަތުގެ އަގު ރައީސް ޔާމީނުގެ އަމިއްލަ އެޖެންޑާއަކަށް ޓަކައި ގެއްލުވާލައްވަފާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ. އަދި އެދުވަހު އެނގިގެން ދިޔަ ހަގީގަތަކީ ރައީސް ޔާމީނަށް ގައުމާ، ޕާޓީއާއި ރައްޔިތުންވެސް މުހިންމު ނޫންކަން ކަމަށެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ކަމަށްވާނަމަ ދެން ޕީޕީއެމް/ޕީއެންސީގެ މެންބަރުން ކަނޑުވާންވީތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ. އަދި އެއީ ވަޠަނީ ލީޑަރުން އުޅުއްވާ ގޮތެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

