ދިވެހިރާއްޖޭގައި މާލީ ބަޣާވާތެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
މީގެ ދުވަސްތަކެއް ކުރިން ބީއެމްއެލްއިން ޑޮލަރު ލިމިޓުކުރުމާއި ގުޅިގެން އުފެދިގެންދިޔަ މައްސަލައިގައި، ބަޣާވާތެއްގެ ސިފަ ޖެހިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ތަހުގީގުކުރާނެކަމަށްވެސް މައުލޫމާތު ދެއްވިއެވެ. ފުލުހުންވެސް ވަނީ ބަޔާނެއް ނެރެ ޣައިރު ގާނޫނީކޮށް ވެރިކަން ބަދަލުކުރުމަށް ބަޔަކު މީހުން މަސައްކަތްކޮށްފައިވާކަމަށް ބެލުމަށް ޖާގަ އޮތްކަމަށް ފާހަގަކޮށް މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ.
މި މައްސަލައިގައި އިތުރަށް މައުޅޫމާތު ދީ ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުން އެ މުއައްސަސާއިންދަނީ ތަހުގީގުގައި ހޯދަންޖެހޭ އެންމެހާ މައުލޫމާތު އެއްކުރުމާއި ބަލަންޖެހޭ އެންމެހާ ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ. އެހެންކަމުން މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއި ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައްވެސް ކުރަމުންދާކަން ބަޔާންކޮށްފައިވެއެވެ.

