ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވާލަން ފޯޖުކޮށްފައި އޮތް ބޭންކް ސްޓޭޓްމަންޓެއް އޮޑިޓަށް ދިން މައްސަލައެއް

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއެއްގައި އޮޑިޓް އޮފީހުގެ ބޭފުޅުން -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދިއްދޫ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށްގެން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދީފައިވާ މަައްސަލައެއް އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި އެ ކައުންސިލްގެ އޮޑިޓު ރިޕޯޓުން ފެންމަތިކޮށްފި އެވެ.

މި ރިޕޯޓު ތައްޔާރު ކުރުމުގައި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ކައުންސިލްގެ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ އެ އަހަރަށް ކައުންސިލުން ފާސްކުރި ބަޖެޓާއި އެއްގޮތަށް މާލިއްޔަތު ގާނޫނުގެ ތެރެއިންތޯ ބެލުމެވެ. ރިޕޯޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފެންމަތިކޮށްފައި ވަނީ ދިއްދޫ ކައުންސިލްގެ ބޭންކު ސްޓޭޓްމަންޓު ފޯޖުކޮށްގެން އޮޑިޓު އޮފީހަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނާ މައްސަލައެކެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ ރަށު ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓެންޓުގެ މަގާމުގައި ހުރި މުވައްޒަފުން ވަނީ ކައުންސިލްގެ ބޭންކު ސްޓޭޓްމަންޓު ބަދަލުކޮށް އޮޑިޓަރުންނަށް އޮޅުވާލުމަށް މަސައްކަތްކޮށްފައި ކަމަށެވެ. ތަފްސީލު ހިމަނައި ރިޕޯޓުގައި ވަނީ ކައުންސިލްގެ ތިޖޫރީގައި 2023، އޮގަސްޓު 3 ގައި ހުރި ފައިސާގެ ތެރެއިން 5،500 ރުފިޔާ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓަންޓަށް ހަވާލުކޮށް އެ ފައިސާ ކައުންސިލްގެ ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ސްޓޭޓްމަންޓުން އެނގޭ ކަމަށެވެ.

މައްސަލައިގައި ސުވާލު ކުރުމުން މިދިޔަ އަހަރުގެ ޖުލައި މަހު އަމިއްލަ ފަރާތަކުން ކައުންސިލްގެ ބޭންކު އެކައުންޓަށް ޖަމާކުރި 25،000 ރުފިޔާގެ ތެރޭގައި އެ ފައިސާ ހިމެނޭނެކަމަށް އޭނާ އޮޑިޓަށް ބުންޏެވެ.އަދި ދެން ޖަމާކުރި ފައިސާއަކީ ކައުންސިލަށް ކުލީގެ ގޮތުގައި ލިބުނު 19،500 ރުފިޔާކަމަށް އޭނާ ބުނިކަމަށް ރިޕޯޓުގައި ވެއެވެ.

މި ފައިސާއަކީ އޮޑިޓަރުން އިތުރަށް ބެލިބެލުމުން އެއީ ކައުންސިލަށް ލިބުނު އެހީއެއްކަން ފާހަގަކުރެވުނުކަމަށް ރިޕޯޓުގައި ވެއެވެ. އަނެއްކާވެސް ސުވާލު ކުރުމުން ފަހުން ބުނީ އެއީ އޮޅިގެން އަމިއްލަ އެކައުންޓަށް ޖަމާކުރެވުނު ފައިސާއެއްކަމަށެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮޑިޓަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި އެ ފައިސާ ރައްދުކޮށްދޭނެކަމަށް ބުނެފަ އެވެ.

ފައިސާ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ އަނެއްކާވެސް އޭގެ ތިން ދުވަސް ފަހުން އޭނާ ސްޓޭޓްމަންޓެއް ހުށަހެޅިކަމަށާއި  އެ ސްޓޭޓްމަންޓުގައި، އެންމެ ފުރަތަމަ ކައުންސިލުން ހުށަހެޅި ސްޓޭޓްމަންޓުގައި ނެތް، އިތުރު 25،000 ރުފިޔާ މިދިޔަ އަހަރުގެ ޖުލައި 19 ގައި ޖަމާވެފައި ހުރި ކަމަށް  އޮޑިޓަށް ފާހަގަވި އެވެ. އޮޑިޓު ރިޕޯޓުގައި ވަނީ މި ގޮތަށް ފާހަގަކުރެވުމުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 27 ނޮވެމްބަރު 2023 ގައި އޮޑިޓު އޮފީހުން ހޯދި އެ އިދާރާގެ ބޭންކް ސްޓޭޓްމަންޓުގައި މި ފައިސާ ހިމެނިފައި ނުވާކަން ފާހަގަކުރެވުނެ ކަމަށެވެ. އެހެންކަމުން އެ ފަރާތުން އޮޑިޓަށް ހުށަހެޅި ބޭންކް ސްޓޭޓްމަންޓަކީ އޮޅުވާލުމުގެ ގޮތުން އަމިއްލައަށްް ފޯޖުކޮށް އޮޑިޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓެއްކަމަށް ވަނީ ބުނެފަ އެވެ.

މިއީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއްކަމަށް ވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ދިއްދޫ ކައުންސިލަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ ދިއްދޫ ކައުންސިލްގެ އިދާރާއިން 2022 ވަނަ އަހަރު މުދަލާއި ހިދުމަތް ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ. އަދި އޮޑިޓުގައި ފާހަގަކުރެވުނު ކަންކަން ހިމެނި ރިޕޯޓުގައި ވަނީ ދިއްދޫ ކައުންސިލްގެ އިދާރާއިން 2022 ވަނަ އަހަރު ގަނެފައިވާ ބައެއް ތަކެއްޗާއި ހޯދާފައިވާ ބައެއް ހިދުމަތް އަދި އެ އިދާރާއާއި ހަމައަށް ލިބުނުކަން ލިޔެކިއުމުން ބަލަހައްޓާފައި ނެތްކަމަށެވެ. އެގޮތުން އެތަކެއްޗާއި ހިދުމަތް ލިބުނުކަން ލިޔެކިއުމުން އެނގެން ނެތި 52،244 ރުފިޔާ ހަރަދު ކުރިކަން ފާހަގަކުރެވުނުކަމަށް ރިޕޯޓުގައި ވެއެވެ.

މި އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ”ޝޮޕިން“ އުސޫލުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި ތިން ތަނަކުން ކޯޓޭޝަން ހޯދާފައި ނުވާކަމަށެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ދިއްދޫ ކައުންސިލްގެ އިދާރާއިން ޕްރޮކިއުމަންޓު އަގު 2000 ރުފިޔާއާއި 35،000 ރުފިޔާ ދެމެދުގެ ބައެއް ހިދުމަތާއި ތަކެތި ގަނެފައިވަނީ މި ގަވައިދާއި އެއްގޮތަށް 3 ފަރާތުން ކޯޓޭޝަން ނުހޯދައިކަމަށް ރިޕޯޓުގައި ވެއެވެ.

ބިޑު ކޮމިޓީ އުފެއްދުމާއި އަދި ބީލަމަށް ހުޅުވުމާއި ބިޑު އިވެލުއޭޓު ކުރުމުގައި ފާހަގަކުރެވުނު ކަންތަކުގެ ގޮތުގައި އޮޑިޓު ރިޕޯޓުގައި ވަނީ ދައުލަތުގެ އޮފީސްތަކުގައި ބިޑު ކޮމިޓީ އުފައްދައި މެމްބަރުން އައްޔަނު ކުރަންވާނީ އެ އޮފީހުގެ އެންމެ އިސް ވެރިއާގެ ލަފާގެ މަތީން އޮނަހިރި އަދަދެއް ހިމަނައިގެން ނަމަވެސް އެފަދަ ކޮމިޓީއެއް އުފައްދާފައި ނެތްކަމަށެވެ. އެގޮތަށް ކައުންސިލުން އަމަލުކޮށްފައި ވަނީ ގަވައިދުގައި ބުނާ އަދަދަށް އިދާރާގައި މުވައްޒަފުން ތިބެކަމަށް ރިޕޯޓުގައި ވެއެވެ.

މީގެއިތުރުން ރިޕޯޓުގައި ވަނީ ދިއްދޫ ކައުންސިލް އިދާރާއަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހަވާލު ކުރެވުނު ފަރާތަށް ގަވައިދާ ހިލާފަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކޮށްފައިވާކަމަށެވެ. އެގޮތުން ތަކެތި ފޯރުކޮށްދިނުމަށް އެއްބަސްވީ 130،539 ރުފިޔާގެ މުއާމަލާތްތައް އެޑްވާންސްގެ ފައިސާގެ ގޮތުގައި ޖުމްލަ 75،000 ރުފިޔާ ދޫކުރިއިރު މީގެތެރެއިން ބަޔާން ކުރާ 15 އިންސައްތައިގެ އިތުރަށް 55،149 ދޫކުރީ މިނިސްޓަރުގެ ހުއްދަ ނުހޯދައިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: