ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމަށްވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންއާއި ބެހޭ ގޮތުން ފިޗް ރޭޓިންގެ ނިންމުންތަކާއި ގުޅޭގޮތުން އެމްއެމްއޭ އާންމު ކުރި ބަޔާނުގައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުން ދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިޔަށްކަމަށް އެމްއެމްއޭ ލަފާކުރި އެވެ.

ބަޔާނުގައި ބުނެފައި ވަނީ އޮގަސްޓު 27 ގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 11 އިންސައްތައިން އިތުރުވެފައި ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 7 އިންސައްތައިން ކުރިއަރާފައިކަން ފާހަގަކުރި އެވެ. އެހެންކަމުން މި ސަބަބުތަކާއި އެކު މި އަހަރުގެ ގައުމީ އުފެއްދުންތެރިކަން 4.9 އިންސައްތައިން ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެކަމަށް އެމްއެމްއޭ ލަފާކޮށްފައި ވަނީ 6.5 އިންސައްތަ އެވެ. އޭގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެކަމަށް ލަފާކުރުމެވެ. އެހެންކަމުން ބެލެންސް އޮފް ޕޭމަންޓު ކަރަންޓް އެކައުންޓު ޑެފިސިޓް މިދިޔަ އަހަރު 21.4 އިންސައްތައިގައި ހުރުމަށް ފަހު މި އަހަރު މި މުއްދަތު ހުންނާނެކަމަށް ފިނޭންސް ލަފާކުރީ 19.9 އިންސައްތަ އެވެ.

މީގެއިތުރުން ރާއްޖޭގެ ރަސްމީ ރިޒާވާއި ބެހޭ ގޮތުން އެމްއެމްއޭ ބުނެފައި ވަނީ މި އަހަރުގެ މި މުއްދަތުގައި ރިޒާވްގައި ހިމެނޭ ބައިތައް ތަފާތުވާނެތީ އަޅާކިއުމުގައި ރިއާޔަތް ކުރުން މުހިންމުކަންކަން ހުށަހަޅާކަމަށެވެ.

ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރެވެ. މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަން ފާހަގަކުރަމެވެ.

އެމްއެމްއޭ ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓު ފަނޑުގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓުގައި ހުރީ 5 މިލިއަން ޑޮލަރުކަމަށެވެ. އެ އަދަދަު މިހާރު 65 މިލިއަން ޑޮލަރުގައި ހުރިއިރު އޭގެ ސަބަބަކީ އެމްއެމްއޭ ފާހަގަކުރި ގޮތުން ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުމެވެ. އަދި، ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަމަށް ބުންޏެވެ.

މީގެ އިތުރުން މި އަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024 ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރި އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި މި އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެމްއޭ ވަނީ ބުނެފަ އެވެ. އަދި މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓުގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ކޮވިޑް 19 ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވުމެވެ. އެގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައެވެ.

މީގެއިތުރުން އެމްއެމްއޭ ބުނީ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް (މޮޕް-އަޕް ކުރުމަށް) ތައްޔާރުވަމުން ދާކަމަށެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް ބޯޑުން ނިންމާފައިވާކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: