ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރާއްޖޭން ބޭރުކުރާ މަހަށް ނަގާ ޓެރިފް އުވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ގޮވާލައްވައިފިއެވެ.
ހާއްސަ އުސޫލެއްގެ ދަށުން ލޯބޮޑު އަދި ރީނދޫއުރަހައިގެ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދޭން ކެބިނެޓުން ނިންމައި، އެކަމާ ގުޅޭ ތައްޔާރީތައް ވަނީ ވެފައެވެ. ނަމަވެސް ރައީސް މިއަދު ވަނީ އެ ނިންމުން ބަދަލު ކުރައްވައި ލޭނުގެ މަސްވެރިކަން ހުއްދަ ނުދޭން ނިންމަވާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް އެ ނިންމުން ބަދަލު ނުކުރެއްވި ނަމަ ޓޫރިޒަމް އާއި މަސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓޭނެ ކަމަށެވެ. ރާއްޖޭން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތަށް ދޮށީގެ މަސްވެރިކަން ކުރަމުން އަޔަސް ބޮޑެތި ފެކްޓަރީ ބޯޓު ފަހަރުގައި ކަނޑުގައި ގުޑިލާ ކޮންމެ އެއްޗެއް ބާނަމުން އަންނަ އީޔޫ އާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސް އިމްޕޯޓު ކުރަން ޑިއުޓީ ނަގާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަން ވެސް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެފައިވާއިރު ރައީސް ނަޝީދަކީ މީގެ ކުރިން ވެސް ރާއްޖެ އިން ބާނާ މަހަށް ޔޫރަޕުގެ ގައުމުތަކުން އަޅާފައިވާ ޓެރިފް އުވާލަން ވަކާލާތު ކުރައްވި ބޭފުޅެކެވެ.

