މިނިސްޓްރީތަކުން ބަޢާވާތް ކުރުން ރަނގަޅު ނޫންކަމަށާއި ”ފިޝަރީޒް ބަޢާވާތަކުން“ ސަލާމަތްވީ ކިރިޔާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ޖާގަ ނުދޭން ރައީސް ނިންމަވާފައިވާއިރު އެކަމާ ގުޅުގެން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ އެ ނިންމެވުމުން އެންގިގެންދަނީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް މުހިންމީ ސިނާއަތުގެ މަސްލަހަތު ކަމަށެވެ.
އެކަން ނުކުރުމަށް ރައީސް ނިންމަވާފައިވަނީ ލޭނު މަސްވެރިކަމާއި ގުޅިގެން ބޮޑު ކައްނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ފޮނުވި ސިޓީގައި ހުރި ކަންކަމަށް ރިޔާއަތްކޮށްކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ. އަދި ކެބިނެޓުގެގެ ނިންމުން ބަދަލުކޮށް ލޭން މަސްވެރިކަމަށް ޖާގަ ނުދޭން ނިންމުމާއި އެކު އެ ޔޫނިއަނުން ވަނީ ރައީސަށް ޝުކުރު އަދާ ކުރައްވާފައެވެ.
މި މައްސަލައިގައި ފައްޔާޒް ވިދާޅުވީ ސިނާއަތާއި ގައުމުގެ މަސްލަހަތު އިސްކޮށްފައި ވަނިކޮށް ބޭކާރުގޮތަކަށް އެކަން ބަދަލުކުރަން އުޅުމުން އިޔާދަނުކުރެވޭ ގެންލުން ރާއްޖޭގެ ރެޕިއުޓޭޝަނަށް ލިބިފައިވާ ކަމަށެވެ. ބުއްދި އިސްކުރައްވައިގެން މިނިސްޓަރުންވެސް ސިޔާސަތުކަނޑައަޅުއްވާ އިއުލާނުކުރުމަކީ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ އަނެއްކާވެސް ރައީސް މުއިޒުއަށް ޖެހިވަޑައިގެންނެވީ މާލީ ބަގާވާތަކަށްފަހު ދެވަނަޔަށް ފިޝަރީސް ބަގާވާތަކުން ސަރުކާރު ސަލާމަތްކުރައްވަންކަމަށެވެ.

