ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޗް ރޭޓިންގްސް އާއި ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ “ސީސީސީ+” އިން “ސީސީ” އަށް ދަށްކޮށްފައިވާތީ އެމްޑީޕީން އެކަމުގެ ކަންބޮޑުވުން ވާޅުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ފަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ނުވާއިރު މިއީ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތް ކަމާއި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކަށް އޮތްކަން ދައްކުވައިދޭ ކަމެއްކަމަށެވެ. ވޭތުވެދިޔަ 3 މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ 3 ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިންގ ދަށްކުރުމުން ދައްކުވައިދެނީ މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާކަން ކަމަށްވެސް ވިދާޅުވިއެވެ. މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ޚަރަދު ބޮޑުވުމާއި، މާލީ އިސްލާހުތައް ލަސްކުރުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި، ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރޭޓިންގ ދަށްކުރުމަށް މެދުވެރިވި ސަބަބުތައް:

ފިޗް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމަށް ނިންމި ނިންމުމުން އިޤްތިޞާދީ ގޮތުން ކަންބޮޑުވާންޖެހޭ އެތައް ކަމެއް ފާހަގަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައެވެ. ފިޗްއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ބޮޑުތަނުން ދަށަށް ދިއުމާއި ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވުން ހިމެނޭ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެހެންނަމަވެސް އެމްޑީޕީން ދެކޭގޮތުގައި މި މައްސަލަތަކާ ގުޅުންހުރި ކަންކަން ދެނެގަތުމަކީ މި ހާލަތުގެ ނުރައްކާތެރިކަން ވަޒަންކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

1. ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި އިޤްތިސާދަށް ވީ ގެއްލުން: އެމްޑީޕީން ބުނެފައިވަނީ މިހާރުގެ ސަރުކާރުގެ ޢަމަލުތައް، ޚާއްޞަކޮށް އަވަށްޓެރި އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުންނާއި ސަރުކާރުގެ ވެރިންގެ ބަސްމަގުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް އިންޑިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވެ، ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން މި އަހަރު ދަށްކުރަން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

2. ބޭކާރު އަދި ރޭވުމެއްނެތި ސަރުކާރުން ކުރާ ޚަރަދުތަކުގެ ސަބަބުން ރިޒާވް ހީނަރުވުން: އެމްޑީޕީން ބުނެފައިވަނީ މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޖުމުލަކޮށް އަންނަ ކުރިއެރުމާއެކު، ޑޮލަރުން ލިބޭ އާމްދަނީ %15 އިތުރުވެފައި ވީނަމަވެސް، ދައުލަތުގެ ޚަރަދު ބޮޑުވުމުގެ ސަބަބުންނާއި ރިޒާވް ސަޕޯޓްކުރުމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމަށް ސަރުކާރު ނުކުޅެދުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް މި އަހަރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ވާކަމަށެވެ. މިގޮތުން، ދަތި ދަނޑިވަޅެއްގައި މި ވަގުތު ސަރުކާރުން ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތަކެއްވެސް ސަރުކާރުންކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. މީގެ ތެރޭގައި، ބަޖެޓުގައި ނެތް 37 މިލިއަން ޑޮލަރު އަސްކަރީ ޑްރޯންތަކެއް ގަތުމަށް ޚަރަދުކުރުމާއި، ޑެޓް ސްޓްރެޓެޖީއާ ޚިލާފަށް، އިންޑިއާ ސަރުކާރާއެކު ވާހަކަ ނުދައްކަންވެގެން، 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު އިންޑިއާއަށް އަނބުރާ ދެއްކުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް ކުރި އަސަރު ވަނީ ފާހަގަކޮށްފައެވެ.

3. ފިސްކަލް ރިފޯމް ލަސްކުރުން: ކުރީ ސަރުކާރުން ފަށައިފައިވާ މާލީ އިސްލާހުގެ ޕްރޮގްރާމް މި ސަރުކާރުން ކުރިއަށް ނުގެންގޮސް ވަނީ މަޑުޖައްސާފައި ވާކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މީގެ ސަބަބުން ޚަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ދަނޑިވަޅުގައި ނޭޅި ފަސްވެފައިވާކަން ފާހަގަކުރެވޭކަމަށް އެމްޑީޕީން ބުނެފައިވެއެވެ.  އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ އޭގެ ސަބަބުން ރޭޓިންގ ދަށްވާނެކަން ފާއިތުވި ޖޫން މަހު ވެސް ރޭޓިންގ އެޖެންސީތަކުން ހާމަކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރޭޓިންގ ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލުން

އެމްޑީޕީން ވަނީ ނުރައްކާތައް ކުޑަކުރުމަށް ވަގުތުން ފިޔަވަޅު އަޅަން ފެށުމަށް ގޮވާލައިފައެވެ. މީގެ ތެރޭގައި ބޭކާރު ޚަރަދުތައް ހުއްޓައިލުމަށާއި އަދި މި ވަގުތަށް މުހިންމު ނޫން ހުރިހާ ޚަރަދުތައް މަދުކުރުމަށާއި، މާލީ އިސްލާހުތައް ނުވަތަ ފިސްކަލް ރިފޯމް އަވަސް ކުރުމަށާއި، އަދި ރަހުމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށާއި އަވަސް ގޮތެއްގައި ރާއްޖޭގެ ރިޒާވް ސަޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ވަނީ ގޮވާލާފައެވެ. އަދި މީގެ އިތުރުން، ދައުލަތުގެ މާލީ ހިސާބުތައް ޢާންމު ކުރުމަށް އަލުން ފެށުމަށާއި ރައްޔިތުންނަށް ތެދު ހާމަކުރުމަށާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ދިއުމަށް ގޮވާލަމެވެ. އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، މާލީ ހާލަތު އިތުރަށް ދަށަށް ދިއުމާއި، ކްރެޑިޓް ރޭޓިންގ އިތުރަށް ދަށަށް ދިއުމާއި، އަދި އިޤްތިޞާދީ ހާލަތު އިތުރަށް ހީނަރުވުމުގެ ހިރާސް ބޮޑުކަންވެސް ފާހަގަކޮށްފައިވެއެވެ.

ކްރެޑިޓް ރޭޓިންގ މަތިވާނެ ކަންކަމުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭރުގެ ފައިނޭންސް ހޯދުމާއި މާލީ އިސްލާހުތައް ގެނައުމުގައި ފާހަގަކުރެވޭ ކުރިއެރުން ހޯދުމެވެ. އެހެންކަމުން މިކަންކަން ލަސްނުކޮށް ކުރުމަކީ މުހިއްމުކަމެއްކަމަށް އެމްޑީޕީން ބުނެއެވެ.

ބަޖެޓަށް ފައިސާ ހޯދުމުގައި ކުރިއެރުން ނުލިބޭކަމާއި، މާލީ އިސްލާހުތައް ލަސްވަމުންދާކަމާއި، އަދި މިހާރު މާލީ ދާއިރާގައި ހާމަކަން ކުޑަވަމުންދާކަމާމެދު މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށް، އެކަންކަން އިސްލާހުކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެއެވެ. ކުރިއަށް އޮތް އަހަރުތަކުގައި މާލީ މެނޭޖްމަންޓަށް ވީ އެންމެ އަވަހަކަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: