ބްރިޖުގެ މަސައްކަތް 2014 ގައި ހައުސިން މިނިސްޓްރީއަށް ހަވާލު ކުރިއިރު ސައިކަލަށް ވަކި ލޭނެއް ކަނޑައަޅާފައި ނެތްކަމަށާއި އެކަން ސާފުކޮށް ދޭން މަސައްކަތް ކުރުމުން ހިތްހަމަނުޖެހި ބްރިޖު ހުޅުވުން ކެންސަލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތް ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖު ހުޅުވިތާ މިއަދަށް ހަ އަހަރުވެގެން ދިޔައިރު، މިއީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކުރިޔަށް ގެންދިޔަ އެވެ. މި މަސައްކަތް ނިމި، ބްރިޖު ހުޅުވުމާއި ގާތްވެފައި ވަނިކޮށް ރައީސް ޔާމީން ބްރިޖުގެ ލޭނެއް މަދުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާތީ އެކަމަށް ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ ޕްރޮޖެކްޓު އެމަނިކުފާނު ކުރިޔަށް ގެންދެވީ ވަރަށް ގަޔާވެ ކުރާހިތުން ކުރި މަސައްކަތެއްގެ ގޮތުގައިކަށެވެ.
މަސައްކަތް ކުރިޔަށް ދާގޮތް، ކޮންމެ ދުވަހަކު ބައްލަވައި ބްރިޖު ސައިޓަށް ވަޑައިގެން ވެސް ކަންކަން އޮޅުންފިލުވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. 2014 ގެ އޮކްޓޯބަރު މަހުން ފެށިގެން ހައުސިން މިނިސްޓްރީ ޕްރޮޖެކްޓުގައި ބައިވެރި ކުރިއިރު ރައީސް އޮފީހުން ފޮރިން މިނިސްޓްރީގެ ފަރާތުން އިމްލިމެންޓޭޝަން އޭޖެންސީއެއް ހޯދުމަށް ފޮނުވާފައި ވަނީ ސެޕްޓެމްބަރު މަހު ކަމަށެވެ.
ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ގާތްގަނޑަކަށް 40 މެމްބަރުން ތިބި ބްރިޖު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ސައިކަލު ދުއްވުމަށް ވަކި ލޭނެއް އޮންނަން ޖެހޭނެކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ހެވީ ވެހިކަލްއާއި، ސައިކަލު ލޭނެއް އޮއްވައި ވަކިން އެ އިންތިޒާމު ހަމަޖެއްސޭނެ ގޮތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތަށް ވިދާޅުވުމުން، ރައީސް ޔާމީން ބޭނުންފުޅުވީ ބައިސްކަލް/ޕެޑެސްޓްރިއަން ލައިން ސައިކަލު ވަކި ލޭނަކަށް ބަދަލު ކުރުމަށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީން ވިދާޅުވާކަމަކަށް އެއްވެސް ވަޒީރަކު ދެކޮޅު ހެދުމަށް ބޭނުން ނުވާތީ އެ ލޭނުގައި ސައިކަލު ދުއްވޭތޯ ބަލާފައިވާނެކަމަށެވެ.
އަޅުގަނޑުމެން ފިޒިކަލީ ވެސް އެ ލޭނު މައްޗަށް ސައިކަލު އަރުވައިގެން ދުއްވޭތޯ ވެސް ބެލިން.. ދެން އެތާގެ ތިރީގައި އަޅާފައި އޮންނަ ލޭޔަރ އެއީކީ އަސްލު ހަގީގަތުގައި ހެވީ ވެހިކަލްސް ނޫނީ ސައިކަލު ވެސް ދުއްވާކަށް އޮންނަ ސްލެބެއް ނޫން.. އެއީ ބައިސްކަލު ދުއްވަން ނޫނީ، ހަމަ ހިނގަން ހާއްސަކޮށްފައި އޮތް ތަނެއް..
ރައީސް ވިދާޅުވީ ސައިކަލަށް ވަކިން ލޭޔަރެއް އެޅުމަކީ ކުރެވެން އޮތްކަމެއް ނޫންކަމަށާއި، އެހެން ނަމަވެސް އެކަން ކުރެވޭނެ ހުރިހާ ގޮތެއް ބެލިކަމަށެވެ. އޭގެ ސަބަބުން ރައީސް ޔާމީން ބޭނުންވީ ރައީއސް ވިދާޅުވި ގޮތުގައި ބްރިޖު ހުޅުވުން ކެންސަލް ކުރުމަށެވެ. އަދި ބްރިޖު ހުޅުވުމުގެ ކަންކަން ހުއްޓާލުމަށް އެންގިކަމަށެވެ.
ރައީސް ވިދާޅުވީ ލޭނުގެ ކަންކަން ކިޔައިދޭން އެމަނިކުފާނު މަސައްކަތް ކުރިކަމަށާއި އެއީ މަހެއްހާ ދުވަސް ވަންދެން އެމަނިކުފާނު އެ ހުރިހާ މަގެއް ފެނޭތޯ ބަލާފައިވާތީކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެކަން ގަބޫލު ކުރަން ބޭނުން ނުވީކަމަށް ރައީސް ވިދާޅުވި އެވެ.

