ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ މަޑުޖައްސާލުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ”ސަންގު“ ޓީވީއަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައި ކުރި ސުވާލަކަށެވެ.
މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތުތަކަށް ރައީސް ވިދާޅުވީ، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުނީކަމަށް ވެރިކަމާއި ހަވާލުވި ފުރުތަމަ ދުވަހު ވެސް ރައްޔިތުންނަށް ވިދާޅުވީ އޭގެ ފުރިހަމަ މާނައިގައި ކަމަށެވެ. އަދި ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ ޝަރީއަތް މަޑުޖައްސާލުމަށް މަސައްކަތް ކުރާނަމަ މިއަދު އެމަނިކުފާނު ހުންނަވާނީ ގެކޮޅުގައި ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ގާނޫނުތަކުގެ ތެރެއިން، ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ވެސް މަސައްކަތް ދާނެކަމަށެވެ. ބޭނުން ވަނީ އެއްވެސް މީހަކަށް ބޭއިންސާފުވާ ޝަރުއީ ނިޒާމެއް އޮތުމަށް އޮތް ފުރުސަތު ނައްތާލައި މިނިވަންކަމާއި އެކު ޝަރީއަތް ކުރެވިގެންދާނެ ގޮތަށް ނިޒާމު ހަމަޖެހިގެން ދިއުންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އައި ހުކުމާއި އެކު ޕާޓީގެ މުޅި ލީޑާޝިޕް މަސައްކަތް ކުރީ އެމަނިކުފާނުގެ ހައްގުގައިކަމަށާއި، ކުރީގެ ސަރުކާރުން އެންމެ ފުރަތަމަ އެމަނިކުފާނު ފުލުހަށް ގެންގޮސް މައްސަލަ ބަލަން ފެށުމުން އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވެފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ފުރަތަމަ ޖަލު ބަންދަށް ރައީސް ޔާމީން ގެންދިއުމުން، މުވައްސަސާތަކަށް މައްސަލަ ހުށަހަޅައި އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން އެދި ތަކުރާރުކޮށް އެތައް ފަހަރަކު ހުށަހެޅުއްވިކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ހައްގުގައި މުޒާހަރާތައްކޮށް އިހުތިޖާޖުތަކުގައި ބައިވެރިވެ، އަމަލީ ގޮތުން އެތައްކަމެއްގައި އުޅުއްވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އިންތިހާބުގެ ތެރޭގައި ވެސް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުން ދިޔައީ.. އަޅުގަނޑުގެ ނިޔަތަކީ އެއީ..
ރައީސް މުއިއްޒު ވިދާޅުވީ، އެންމެ ފަހު ވަގުތު ވެސް ރައީސް ޔާމީނަށް ފުރުސަތު ލިބޭ ހާލަތެއްގައި ދޫ ދެއްވަން ތައްޔާރަށް ހުންނެވިކަން ޕާޓީގެ ސެނަޓަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

