ރާއްޖޭގެ އިޤްތިސާދީ ޙާލަތު ރަނގަޅު ކުރާނެ ކަމަށާއި އަދި އިޤްތިސާދީ ބިންގާ އެޅެމުންދަނީ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގަށް ދެއްވި ހާއްސަ އެކްސްކްލޫސިވްގައި ސަރުކާރުގެ ތެރޭގައި ހިނގަމުންދާ އެކި މަޝްރޫއުތަކާއި، އިޤްތިސާދީ ހާލަތުގެ މައުލޫމާތު ވެސް ދެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ހާލަތު ހަރުދަނާ ކުރާނެ ކަމަށާއި އަދި ބިންގާ އެޅެމުން ދަނީ ރަނގަޅަށް ކަމަށެވެ.
ވެރިކަމަށް އައިރު ގިނަ ވައުދުތަކެއް ވެފައިވާއިރު، އޭނގެ ތެރެއިން ފުރަތަމަ ހަތަރު ހަފްތާ ތެރޭގައި ފައިސާ ޗާޕު ކުރުން ހުއްޓާލުން ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ޑޮލަރު އިތުރު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަ ކަމަށާއި އޭގެ ތެރޭގައި ގާނޫނީ ބަދަލު ތަކާއި ނިޒާމީ ބަދަލުތައް ހިމަނައިފައިވާނެ ކަމަށް ވަނީ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރިޒާވް ވަރުގަދަ ވެގެން ދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ ދައުލަތަށް ދިމާވެފައިވާ މާލީ އެތައް މައްސަލައެއްގެ ހައްލުގެ ގޮތުގައި މީގެ ކުރިން ވެސް ރައީސާއި ސަރުކާރުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މަސައްކަތްތެރިންނާއި ކުންފުނިތަކާއި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްް ދައްކަން ޖެހިފައިވާ ފައިސާ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބަހާލައިގެން ދެމުން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ޓާގެޓަކަށް ވެގެންދާނީ، ނޮވެންބަރ މަސް ނިމުމުގެ ކުރިން ، މި ވަގުތު ނުދެވިހުރި ފައިސާ ދިނުން ކަމަށް ވިދާޅުވިއެވެ. އަދި މިއަދާއި ހަމައަށް އައިއިރު މަސްވެރިން ގިނަ އަދަދެއްގެ ފައިސާ ދެވިފައިވާ ކަމަށާއި، މިއަދާއި ހަމައަށް އައިރު ބިލިއަނެއްހައި ރުފިޔާ ދެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރުމަށް އިތުރު ފެކްޓްރީތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެއަރޓް ޕޯޓް އަދި ރިސޯޓުތަކުގެ މަސައްކަތްތައް ނިމުމަކާއި ގާތްވެފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހައުސިން މަޝްރޫއުތައްފަދަ ބޮޑެތި މަޝްރޫއުތައް ފެށުމަށްޓަކައި، ޗައިނާއިންނާ އަދި އިންޑިއާއިން ގިނަ ފުރުސަތުތަކެއް ދެމުންދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. މިއަދު މާލޭގެ ޙާލަތަށް ބަލާނަމަ، ދެވަނަ ކަމަކަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ މަގުތައް ކަމަށް ފާހަގަކޮށް، އެކަން ހައްލު ކުރުމަށްޓަކައި ޗައިނާގެ އެހީގައި ބޮޑު މަޝްރޫއަކަށް ތައްޔާރުވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
“ އިނީޝިއަލް ސްޓޭޖެއްގައި ސަރުކާރެއްގެ ތެރޭގައި ސަރުކާރެއް ހިނގުމަށް އުޅެފަހުރި ކޮންމެ ބޭފުޅަކަށް އިނގިލައްވާނެ، އިނިޝިއަލް ސްޓޭޖްގައި ވަރަށް ގިނަ ވަގުތުދާކަން،ޕޮރީލިމެންޓް ސްޓޭޖް ހެން ގޮސް ބައިވަރު ސްޓޭޖްތަކުން ގޮސް ފައިނޭސްއިން ހަމަޖެހިގެންގޮސް ގިނަފަހަރު ހަމަ އަހަރެއްހައި ދުވަސް ގޮސްގެން ބޮޑެތި މަޝްރޫއުތައް މި ފެށެނީ، ބިހައިންޑްދަ ސީންގައި ވަރަށް ގިނަ މަސައްކަތްތައް އެބަ ހިނގާ ، އަޅުގަނޑުމެން ކުރި ދަތުރު ތަކުގެ ނަތިއްޖާއަކީ ވެސް އެއީ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ޑިފެންސްގެ ކަންކަމާއި އަދި އެހެނިހެން ކަންތައްތައްވެސް ހަމަޖެހިގެން ދިޔަކަމަށެވެ. އަދި އެކަން ކަމުގެ ތަފްސީލު ފަހުން ދެއްވާނެ ކަމަށް ވަނީ ރައީސް ވަނީ ވިދާޅުވެފައެވެ.

