ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާއިރު، ”އިއްތިފާގުތަކެއް“ ދިމާވާނަމަ ޝައްކު އުފެދޭނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިފަދައިން ވިދާޅުވީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ ހަފްތާގައި ރުފިޔާ ކާޑުތަކުން ޑޮލަރު ބޭނުން ނުކުރެވޭ ގޮތަށް ނިންމި ނިންމުން، އިއުލާނުކުރިއިރު، އެވަގުތު އެމްޑީޕީގެ އިސްވެރިން ތިއްބެވީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބީއެމްއެލްގެ އެ ނިންމުމަކީ މާލީ ބަޣާވާތެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ތުހުމަތު ކުރައްވާފައިވެއެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުން ބީއެމްއެލްގެ ނިންމުން އާންމު ކުރި ވަގުތު ދިމާވުމަކީ އިއްތިފާގެއްތޯ ސުވާލު އުފައްދާފައި ވެއެވެ. ބީއެމްއެލްގެ އެ ނިންމުމަކީ މާލީ ބަގާވާތެއްކަމަށް ކުރެވޭ ތުހުމަތު ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
މިހެން މިކަން އޮއްވައި އަމީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނީ މި ފެށޭ ހަފްތާގައި އެމްޑީޕީގެ އިޤްތިސާދީ ކޮމިޓީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވިސްނާކަމަށެވެ. އަދި މިނިސްޓަރު އިހުސާންވެސް ޓެގު ކުރައްވާ އަމީރު ވަނީ ރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފު ނުވާނެ ގޮތަކަށް މިކަން ކުރަން އެންމެ ރަނގަޅު ދުވަހަކީ، ވަގުތަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަންނަ ހަފުތާގެ އެއްވެސް ދުވަހަކު ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑު ނިންމުމެއް ނިންމައި އިޢުލާނުކުރުމަށް ހަމަޖެހިފައިވޭތޯވެސް ސުވާލު ކުރައްވާފައިވެއެވެ.
ރައްދުދެއްވައި އިހުސާން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަކީ ގާނޫނާއި ގަވާއިދާ ހިލާފް ކަމެއް ނޫންކަމަށާއި، އެގޮތަށް އެއްވެސް މުއައްސަސާއަކުން ނާންގާނެކަމަށެވެ. ނަމަވެސް ޕްރެސް ބާއްވާ ގަޑީ ބައިވަރު އެހެން އިއްތިފާގުތައް ދިމާވިއްޔާ ޝައްކުވާނެކަމަށް ވިދާޅުވިއެވެ.

