އިގްތިސާދީ ފިޔަވަޅުތައް އަޅައި، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި މަޖިލީހުގެ އެއްބާރުލުން ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ހިމެނޭކަމަށާއި ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނެސް އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް އުޝާމް ފާހަގަކުރި އެވެ. އުޝާމް ވިދާޅުވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތެރެއިން ގެންނަ އިސްލާހީ ބަދަލުތައް ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި އިއުލާނު ކުރައްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް ދީފައި ވަނީ ނަތީޖާ ނެރެދިނުމަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ދަތި ނުވާގޮތަށް ކުރިޔަށް ގެންދިއުމަށް، އެދޭތީ ދީފައިވާ މެޖޯރިޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންކަމުން މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މުހިންމުކަމެއް ދިމާވާ ހާލަތެއްގައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން ތައްޔާރުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖްލީސް ޗުއްޓީގައި އޮތް ނަމަވެސް ސަރުކާރަށް… މުހިއްމު ކަމެއް ދިމާވެއްޖެ ހާލަތެއްގައި.. މަޖްލިސް ދައުރުން ބޭރުގައި ޖަލްސާ ބޭއްވޭގޮތަށް ތައްޔާރުވެގެން މިތިބީ..
ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމާއި ގުޅޭގޮތުން އަބްދުއްރަހީމް ވާހަކަ ދެއްކެވީ، މަޖިލީހަށް މުހިންމު ބިލުތަކެއް ހުށަހަޅާނެކަން އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން ފާހަގަކޮށްފައި ވާތީ އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތަކުގައި މަޖިލިސް މަސައްކަތް ކުރުމުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
ގާނޫނަށް ހުށަހަޅާނެ އިސްލާހުތަކުގެ ތަފްސީލުތައް މި ފެށޭ ހަފްތާގައި އާންމު ކުރާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ ސަރުކާރުން މިހާރުން މިހާރަށް ގެންނަން ވިސްނާ ބަދަލުތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. އަދި ޑޮލަރުން މިސާރަ ދޭ ފަރާތްތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަން ޖެހޭ ފައިސާގެ ގޮތުގައި ހަމަޖެއްސުމާއި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކަސްޓަމްސް ޑިއުޓީ ދައްކާއިރު ޑޮލަރުން އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނައުން ވެސް ނިންމުންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މި ތަފްސީލުތައް މި ހަފްތާ ނުވަތަ ކުރިޔަށް އޮތް ހަފްތާގައި ހާމަކޮށް ތަފްސީލުތައް ދެއްވާނެކަމަށް އުޝާމް ވިދާޅުވި އެވެ.

