ވެރިކަމުގެ ދުވަސްވަރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާހަގަކުރެވުނީ މިޒާޖުގައި ރުންކުރި ގޮތެއް ހުރި ބޭފުޅެއްގެ ގޮތުގައިކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅުވެ، އައު ސިޔާސީ ޕާޓީއެއް އުފައްދަވައި މަސައްކަތް ކުރައްވާ ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް އެމަނިކުފާނަށާއި ސަރުކާރަށް އެކި ތުހުމަތުތައް ކުރަައްވަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުވައިއާއި، ސަރުކާރުގެ މިހާރުގެ ބައެއް މަސައްކަތްތައް ކުރިޔަށްދާ ގޮތާއި ގުޅުވައި އަސްލު ލިސްޓެއްކަމަށް ބުނާ ލިޔެކިއުމެއް އާންމު ކުރެއްވި އެވެ. އެ ތުހުމަތުތައް، ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި ކުރާ ތުހުމަތުތަކާއި، ރައީސް މުއިއްޒަށް އިހުތިރާމް ކުޑަވާ ގޮތަށް ދަައްކަވާ ވާހަކަތަކަށް ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމުގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ބައެއް ބޭފުޅުންނަކީ އަނެކާއަށް ހެޔޮ އެދި، ރަނގަޅު ގޮތްވުމަށް ބޭނުންވާ ބައެއް ނޫންކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީނަކީ ދެން ހުންނަ މީހަކީ، މީހެއްކަމަށް ދެކި މަސައްކަތް ކުރުމުގެ ބަދަލުގައި ތިމާގެ ނިންމުމަކީ އެންމެ ފަހު އަދި މޮޅު ގޮތް އެނގޭކަމަށް ގަބޫލު ކުރާ ބޭފުޅެކެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ، ރައީސް ޔާމީނަކީ ގޯސް ބޭފުޅެއް ނޫންކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނާއި ރައީސް މުއިއްޒާއި ދެމެދު ވަރަށް ގިނަ ތަފާތުތަކެއް އެބަހުރިކަމަށެވެ. އަދި ދެބޭފުޅުންގެ މިޒާޖު އުޑާ، ބިމާހާ ތަފާތުކަމަށް ވިދާޅުވި އެވެ.
ދެން ހަގީގަތުގައި އޭރުގެ ރައީސަކީ ވަރަށް ރުންކުރު ބޭފުޅެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައި އޮތީ، ދެން މިޒާޖުގައި ވެސް ހަރުކަށި ގޮތްތަކެއް ހުންނަކަމަށް ފާހަގަކުރެވިފައި ހުރީ.. އެއްގޮތަކަށް ވެސް އަނެއް މީހަކީ، މީހެއްކަމަށް އެއްގޮތަކަށް ވެސް ނުދެކޭ.. އެމަނިކުފާނުގެ ނިންމެވުމަކީ އެންމެ ފަހުގެ، އެންމެ މޮޅެތި ނިންމުންތައްކަމަށް ދެކެނީ..
މިސާލެއްގެ ގޮތުގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، މުލިއާގޭގައި އޭރު ބޭއްވި ބައްދަލުވުންތަކުގައި ރައީސް ޔާމީން ވަރަށް ރުންކުރުކޮށް މެމްބަރުންނާއި ވާހަކަ ދެއްކެވިކަމަށް ބުނެ މީޑިއާތަކުގައި ވެސް ގެންނަކަމަށާއި، ކަން ހިނގާ ގޮތަކީ އެއީކަމަށެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކުގައި ރައީސް މުއިއްޒަށް އެއްވެސް އިހުތިރާމެއް ކުރުމެއް ނެތި ނަމުން އެކަނި މުހާތަބު ކުރަމުން ގެންދާތަން ވެސް ފެނިފައިވާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ އެގޮތަށް އެ ވާހަކަ ދެކެވެނީ، ތިމާއަށް ލިބުނު މޮޅެއް އަނެކާއަށް ލިބެން ބޭނުން ނުވާތީ އެވެ.
ތިމާއަށް ލިބޭ، ލިބުނު މޮޅެއް އަނެކާއަށް ލިބެން ބޭނުން ނުވާ މީހުން ވެސް އުޅޭނެތާ.. ރައީސް ޑރ. މުއިއްޒަށް މުހާތަބުކޮށް ކުޑައިމީސްކޮށް ރައީސް ޔާމީނު އެގޮތަށް ވާހަކަ ދެއްކުމަކީ.. ވަރަށް ހަޑި ހުތުރު އަމަލެއް..
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއާއި ގުޅުވައި ކުރި ތުހުމަތުތަކަށް ރޭ އޮތް ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވެސް ރައްދު ދެއްވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ވެސް ދައުރު ކުރަމުން ދިޔަ އެކި ލިސްޓުތަކާއި ފައިސާ ލިބުނުކަމަށް ޝައްކު ކުރެވޭ ޑްރާފްޓު ލިސްޓެއްގައި ވެސް އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް ނުވަތަ އެ ފައިސާގެ މަންފާ ނެގިކަމަށް ބުނެ މައްސަލަ އުފެދި މިވީ އަހަރުތަކުގެ ތެރޭގައި ކުރެވުނު އެއްވެސް ތުހުމަތެއް ނެތްކަމަށެވެ. ހިޔާނާތުގެ ލިސްޓެއްކަމަށް ބުނާ ލިސްޓެއްގައި ޑޮލަރު މާރުކޮށް ކުޑަކުޑަ ވިޔަފާރިއެއް ކުރި މީހާގެ ނަން އޮތް އިރު ވެސް އެމަނިކުފާނަށް ކުރި އެއްވެސް ތުހުމަތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

