ދިވެހި ޕްރިމިއާ ލީގުގެ ބައެއްގެ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް( އިން ބާއްވަން ރޭވި ސައުތު ލީގު ބާއްވާވާފައި ނުވާތީވެ، އެ މުބާރާތް ސްޕޮންސާކުރަން އެސްޓީއޯ ދިން 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން އެ އެސޯސިއޭޝަނުގެ މައްޗަށް މައްޗަށް އަމުރުކޮށްފި އެވެ.
މިއީ އެފްއޭއެމް ކުރިޔަށް ގެންދާ ދިވެހި ލީގުގެ ބައެއްގެ ގޮތުގައި ދެކުނުގެ ސަރަހައްދުގައި އެސްޓީއޯ ސައުތު ލީގުގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް 2022 ގައިވި އެއްބަސްވުމެއްގެ ދަށުން މުބާރާތް ރާވައި ހިންގުމަށް 1.5 މިލިއަން ރުފިޔާ ދެއްކުމުން އެއްބަސްވުމުގެ ޝަރުތުތަކާއި އެއްގޮތަށް މުބާރާތް ބާއްވާފައި ނުވާތީ ސްޕޮންސާޝިޕް ފައިސާ ހޯދުމަށް ކުންފުނިން ހުށަހެޅި މައްސަލައެކެވެ.
މައްސަލަ ކުރިޔަށް ގެންދަން ދައުވާ ފޯމާއި، ދައުވާ ފޯމާއި އެކު ރައްދު ކުރަން ޖެހޭ ލިޔެކިއުންތައް ރައްދު ކުރުމަށް އެފްއޭއެމް ތަމްސީލު ކުރާނެ ފަރާތެއް ހޯދުމަށް ކޯޓަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިއުލާނު ކުރުމުން ވެސް ހާޒިރުވެފައި ނުވެ އެވެ. އެހެންވެ މައްސަލަ ކުރިޔަށް ގެންދިޔައީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި އެ އެސޯސިއޭޝަން ދައުވާއަށް އިންކާރު ކުރާކަމަށް ބަލައިގެންނެވެ.
މައްސަލައިގައި ކުރިޔަށް ދިޔަ އަޑުއެހުމުގައި އެސްޓީއޯގެ ފަރާތުން ބުނެފައި ވަނީ އެފްއޭއެމްގެ މައްޗަށްކޮށްފައިވާ މި ދައުވާއާއި ގުޅިގެން ދައުވާ ފޯމާއި އެކު ހުށަހަޅާފައިވާ ހެކިތަކުގެ އިތުރުން އެހެން ހެއްކެއް ނުވަތަ ބަޔާނެއް ހުށަހަޅަން ބޭނުން ނުވާކަމަށެވެ.
އެސްޓީއޯ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެފްއޭއެމްއަށް ސްޕޮންސަރ ދިން ޕްރޮޕޯޒަލް މުބާރާތް ފަށާނެކަމަށް ބަޔާންކޮށްފައި ވަނީ 2022، ޑިސެމްބަރު 4 ގައި ނަމަވެސް އެ ތާރީހުގައި މުބާރާތް ބާއްވާފައި ނުވާއިރު ތާރީހެއް ވެސް އަންގާފައި ނުވާކަމަށެވެ. އެހެންވެ އޭގެ ޖެހިގެން އައި އަހަރުގެ އޮކްޓޯބަރު މަހު މުބާރާތް ބޭއްވޭނެކަމަށް ބެލެވޭ ދުވަހެއް އެންގުމަށް އެދި ސިޓީއެއް ފޮނުވުމުން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް އެސްޓީއޯ ހުށަހެޅި މައްސަލައިގައި ވެއެވެ.
އެއްބަސްވުމުގައި އޮތް ގޮތުން އެފްއޭއެމް އެގްރިމަންޓުގެ އެއްވެސް މާއްދާއަކާއި ހިލާފުވެއްޖެ ނަމަ އެ ބާތިލު ކުރުމުގެ ބާރު އެސްޓީއޯއަށް ލިބިގެންވެ އެވެ. އަދި އެފްއޭއެމްގެ މައްސަލައަކުން އެއްބަސްވުން ބާތިލު ކުރާނަމަ 15 ދުވަހުގެ ތެރޭގައި ސްޕޮންސާޝިޕް ފައިސާ ދޭންވާނެކަމަށްވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެގޮތަށް ނޯޓިސް ދިނުމުން ވެސް އެފްއޭއެމް އެ ސިޓީއަށް ޖަވާބުދާރީވެފައި ނުވެ އެވެ. އެސްޓީއޯ އިން ހުށަހެޅި ލިޔެކިޔުންތަކަށް ބަލައި ސިވިލް ކޯޓުން ހުކުމްކުރީ އެއްބަސްވުން ބާތިލްވެފައިވާތީވެ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ގެ ކުރިން އެ ފައިސާ ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.
ފައިސާ ނުދީގެން ގިނަ މައްސަލަތަކެއް އެފްއޭއެމްއާއި ދެކޮޅަށް ވަނީ ކޯޓުގައި ވަނީ ހުކުމްތައް އިއްވާފަ އެވެ. އަދި ކޯޓަށް ހުށަހަޅައި ކުރިޔަށް ދާ ގިނަ މައްސަލަތަކެއް ހުރިއިރު ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ބޮޑެވެ.

