ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިމޯޓް އިންޖީން ޝަޓްޑައުން ސިސްޓަމް މަޖުބޫރުކުރަން ފެނޭ؟

ގިނަ އަދަދެއްގެ މީހުންނަށް ބޮޑެތި ގެއްލުންތައް ލިބުނު އެކްސިޑެންޓެއް: ފޮޓޯ/ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވަހަކުން  ދުވަހަކަށް މާލެ ސަރަހައްދުގައި ވަމުންދާ އެކްސިޑެންޓުތަކާއި އެކްސިޑެންޓުތަކުގައިވާ އަނިޔާތަކުގެ މިންވަރު ދަނީ އިތުރުވަމުންނެވެ. ކާރާއި ސައިކަލު ނުގަވައިދުން ބާރު ދުވެލީގައި އެއް ލޭނަކުން ދުއްވާއިރު ހިތާމަވެރި ހާދިސާތައް އެބަ ހިނގައެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި ތަފާތެއް ނޫނެވެ. އެހެންކަމުން މީސްކޮޅު މަދު ދިވެހިރާއްޖޭގައި އެތައް ބިލިއަން މީހުންނެއް ދިރިއުޅޭ ގައުމުތަކުގައި ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުކުރުމަށް ބޭނުންކުރާ ބައެއް އުސޫލުތައް ފަސޭހަކަމާއިއެކު ތަންފީޒުކުރެވިދާނެއެވެ. ދަތިތަކެއް ހުރިނަމަވެސް ތަންފީޒުކުރަން ޖެހެއެވެ. ބަޔަކު އަޑުއުފުލިޔަސް އާންމު އަގުލަބިއްޔަތުގެ ރައްކައުތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

މިސާލަކަށް ދަންނަވަންޏާ، ބައެއް ބާވަތުގެ އުޅަނދުތައް ބައެއް މަގުތަކުގައި ދުއްވުން މަނާ ގައުމުތައް ހުރެއެވެ. މިއީ ވަރަށް އާދައިގެ ވިސްނުމެއްގެ މަތިން ތަންފީޒުކުރަމުންދާ ކަމެކެވެ. ފަސް ފޫޓު ފުޅާމިން ހަމަ ނުވާ މަގެއްގައި އެއަށްވުރެ ފުޅާ އުޅަނދެއް ނުދުއްވޭނެއެވެ. އެހެންކަމުން އެފަދަ އުޅަނދުތަށް ވައްދައި މަގުތަކަށް ނެރުމަށް ޖާގައެއް ނުދެއެވެ. ޖާގައިގެ ގޮތުން އިންތިހާއަށް ތަނަވަސް ގައުމެއް ކަމަށްވާ އެމެރިކާގެ އާންމުން ބޭނުން ކުރާ މަގުތަކުގައި ރޭސް ޖެހުމަށް ބޭނުން ކުރާ ފޯމިއުލާ 1 ކާރުތަކާއި ޑްރޭގްރޭސް ޖެހުމަށް ބޭނުންކުރާ ބައެއް ބާވަތުގެ ކާރުތައްވެސް ދުއްވުން މަނަލެވެ.

ލަމްބޯގިނީ އާއި ފެރާރީ ފަދަ ކާރުތައް އާންމު މަގުތަކުގައި ހުއްދަޔަސް އެ ހުއްދަތައް ލިބިގެންދަނީ އިންޝުއަރެންސްގެ ގޮތުގައި ބޮޑު އަގު ދައްކައި، އަޑުގަަދަވުމުގެ ސަބަބުން ވާ އުނދަގުލުން އާންމުން ރައްކައުތެރިކުރުމަށް އެގްޒޯސްޓަށްވެސް ބަދަލުތައް ގެނެސްގެނެވެ. އަދި މިފަދަ ގިނަ ކާރުތަކަކީ ޕެޓްރޯލް ބޭނުންކުރާ ނުވަތަ ތެޔޮ އަންދައިގެން ދުއްވާ އުޅަނދުތައްކަމަށްވުމުން އެމިޝަން ނުވަތަ އޭގެން ނުކުންނަ ދުންވެސް ވަކި މިންގަނޑެއްގައި ހުރިކަން ޔަގީންކުރުމަށް ޓެސްޓުތައް މަޖުބޫރުކުރުން ފަދަ އެތައް ފިޔަވަޅެއް ހުރެއެވެ.

މިހުރިހާ ކަމެއް ކުރުމަކީ ތަކުލީފްބޮޑު ކަމަކަށް ވާނަމަ  އާދައިގެ ހައްލެއް އެބަ އޮތެވެ. ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުން ދަނީ ގާނޫނާއި ގަވައިދުތައް ތަންފީޒުކުރުމުގައި ފުލުހުން އަދި ކަމާއި ބެހޭ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރިމޯޓް ވެހިކަލް ޝަޓްޑައުން ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ. ނުވަތަ އެ ވަސީލަތްތައް ބޭނުންކުރުމަށް ތައްޔާރުވަމުންނެވެ. ދިވެހިން މިސާލެއްގެ ގޮތުގައި ބަލާ އެމެރިކާއަކީ މިކަމުގެ ވަރަށް ކުރީ ސަފުގައި ގުނާލެވޭ ގައުމެކެވެ.

ޕޮންޓިއެކް ޝެވަލެޓް ކެޑިލެކް ފަދަ މަޝްހޫރު ކާރުތައް އުފައްދާފައިވާ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އޮޓޯމޯބައިލް މެނުފެކްޗަރާރ ޖެނެރަލް މޮޓޯސްއިން ބިނާކޮށްފައިވާ ”އޮންސްޓާރ ސިސްޓަމް“ ފަދަ އެތައް ވަސީލަތެއް މެދުވެރިކޮށް ބާރު ދުވެލީގައި ދާ ކާރުގެ ފަހަތުން ދުއްވަން މަޖުބޫރު ނުވެ ހުއްޓުވާލުމުގެ ބާރު ކަމާއި ބެހޭ ފަރާތްތަކަށް ލިބިދެއެވެ. މިއީ ވަގަށް ނަގައިގެންދާ ކާރު ހުއްޓުވުމަށާއި، މަސްތުވެގެން އުޅަނދެއް ދުއްވާފައިދާނަމަ ހުއްޓުވުމަށާއި، ޑްރައިވަރު ހޭނެތިއްޖެ ހާލަތެއްގައިވެސް އުޅަނދު ހުއްޓުވާލުމަށް ބިނާކޮށްފައިވާ ވަސީލަތްތަކެކެވެ.

އެންމެ އާދައިގެ ކިލް ސްވިޗުތައް

ކާރު ފަދަ އުޅަނދު ކުއްޔަށް ދޫކުރުމުގެ ސާވިސް ދޭ ފަރާތްތަކުންވެސް މިފަދަ ސިސްޓަމްތައް ބޭނުންކުރެއެވެ. ކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ދުއްވާ ނަމަ ހުއްޓުވާލައި ތަޅުވެސް ލެވިދާނެއެވެ. ބައެއް ނޫސްތަކުން ބުނާގޮތުން އެމެރިކާގެ މަޖިލީހުންދަނީ 2026 އަށްފަހު ވިއްކާ ހުރިހާ ކާރެއްގައި މިފަދަ ”ކިލް ސްވިޗެއް“ ހަރުކުރުމަށް މަޖުބޫރުކުރާ ބިލަކާއިމެދު މަޝްވަރާތައް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ބައެއް ކުންފުނިތަކުންވެސް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިފަދަ ވަސީލަތްތައް ބިނާކުރުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ. ހައިސްޕީޑް ޗޭސްތައް މަދުކުރުމުގެ ގޮތުން ޔޫރަޕިއަން ޔުނިއަނުންވެސް ދަނީ މިކަމުގެ މަޝްވަރާތައް ކުރަމުންނެވެ. މިއީ އައު ވަސީލަތެއް ނޫނެވެ. އީޖާދުކޮށް ބޭނުންކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.

މިފަދަ ވަސީލަތްތައް މެދުވެރިކޮށް ލިބިދޭ ރައްކައުތެރިކަމާއި އަޅާ ބަލާއިރު އަގުވެސް ބޮޑެއް ނޫނެވެ. ”ކިލް ސްވިޗް“ ”ރިމޯޓް އިގްނިޝަން އިންޓަރަޕްޓާރޒް“ ފަދަ ނަންތައް ދެވިފައިވާ މި ވަސީލަތްތައް މެދުވެރިކޮށް ނުގަވައިދުން ނުވަތަ ނުރައްކާތެރިކޮށް ދުއްވާފައިދާ އުޅަނދެއްގެ އިންޖީނު ވަގުތުން ކަނޑާލެވޭކަމަށްވުމުން ދުވެލި މަޑުވަމުން ގޮސް ހުއްޓޭނެވެ. ސައިކަލުން ފެށިގެން ކާރާއި ބަހުގައި ހަރުކުރުމަށްވެސް މިއަދު ވަސީލަތްތައް ލިބެން އެބަ ހުއްޓެވެ. ހަރުކުރަން ފެނޭތޯއެވެ؟

ޕްރޮފެޝަނަލް ބޭނުމަށް ތައްޔާރުކޮށްފައިވާ ކިލް ސްވިޗުތައް

އާންމުކޮށް ގެންގުޅޭ މިފަދަ ވަސީލަތްތައް މެދުވެރިކޮށް 1000 ފޫޓު ދުރުގައި އޮތް އުޅަނދެއް ހުއްޓުވާލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއިރު އަގުތައް ހުރީ އެވަރެޖްކޮށް 100 ޑޮލަރަށްވުރެ ދަށުގައެވެ. ޕްރޮފެޝަނަލް ބޭނުންތަކަށް އުފައްދާފައިވާ މިފަދަ ވަސީލަތްތައް މެދުވެރިކޮށް 1 މޭލު ރޭންޖެއްގައި ތިބި އުޅަނދުތައް ހުއްޓުވާލެވޭނެއިރު އެވަރެޖްކޮށް ކޮސްޓުހުރީ 500 ވަރަކަށް ޑޮލަރުގައިކަން ފާހަގަކުރެވެއެވެ.

ފުލުހުންނާއި އެފަދަ އިދާރާތަކުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ ކިލް ސްވިޗުތައް

މިފަދަ ކަންކަން ތަންފީޒުކުރާއިރު މައްސަލަތައްވެސް ހުންނާނެއެވެ. ސައިބަރކްރައިމްގެ ޒަމާންކަމަށްވުމުން ޖެއްސުމާއި ނުބައި ނިޔަތްތަކުގައި މިފަދަ ވަސީލަތްތައް ހެކު ކުރުމަކީ އޮތް ބިރެކެވެ. އެހެންނަމަވެސް އެއީ ވަކި ދާއިރާއެއް މެދުވެރިކޮށް ހައްލުކުރަންޖެހޭ މައްސަލައެއްކަމަށްވުމުން އިތުރު ތަފްސީލަކަށް ނުދާނަމެވެ. އެ ބިރަށްވުރެ މަގެއްގައި ހުއްޓިގެން ނުހުރެވޭ މިންގަނޑަށް އުޅަނދުތަކުގެ ނުރައްކާ ބޮޑުވެއްޖެއެވެ.

ދެން އޮތީ މިކަން ތަންފީޒުކުރާނެ ގޮތެވެ. ރާއްޖޭގައި އޮޑިދޯނިފަހަރުގައި ޖީޕީއެސްތަކެއް ހަރުކުރަން މަޖުބޫރުކުރުވި ގޮތަށް މިކަން ކޮށްލެވިދާނެއެވެ. ސަރުކާރުން ސަބްސިޑައިޒް ނުކޮށްދިނަސް ބޭރުގެ ކުންފުންނަކާއި މަޝްވަރާތައް ކޮށްގެންނާއި ރާއްޖޭގައި ތިބި ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ހޯދައިގެން މަހުން މަހަށް ދައްކާ ހަލާސްކުރާ ގޮތަށް ވަސީލަތްތައް ދިނުމާއި ހަރުކޮށްދިނުމުގެ މަސައްކަތްތައް ވަގުތުން މާލީ ބުރައަކަށް ނުވާ ގޮތަށް އިންތިޒާމުކުރެވިދާނެއެވެ. ދޯނިތަކުގައި ކުރީ އުރީދޫ މެދުވެރިކޮށެވެ.

މަސްދޯނިތަކާއިމެދު އަމަލުކުރި ގޮތަށް މުއްދަތެއް ދިނުމަށްފަހު، މިވަގުތު ރާއްޖޭގައި ތިބި އުޅަނދުތަކުގެ ރެޖިސްޓްރީ އާކުރާއިރު ވަސީލަތް ހަރުކުރެވި ފުލުހުންނަނާއި ކަމާ ބެހޭ އިދާރާތަކަށް އެކްސެސް ދެވިފައި އޮތުން ލާޒިމުކޮށް ގަވައިދަށް ނުފެތޭ ނަމަ އުޅަދނުތަކުގެ ރެޖިސްޓްރީ އާނުކޮށްދިނުން ފަދަ ފިޔަވަޅުތައް އެޅިދާނެއެވެ. އަދި އަލަށް ރާއްޖެއަށް އެތެރެކުރާ ހުރިހާ އުޅަނދެއްގައިވެސް ރެޖިސްޓްރީގެ ކުރިއަށް މިފަދަ އުޅަނދުތައް ހަރުކުރުން މަޖުބޫރުކުރުމަކީ އެޅިދާނެ އަވަސް ފިޔަވަޅެކެވެ.

އެހެންނަމަވެސް މިފަދަ ކަމެއް ތަންފީޒުކުރެވޭނީ މިހާރުން މިހާރަށް ފިޔަވަޅު އަޅައިގެންނެވެ. މިހާރުވެސް މާލެ ސަރަހައްދުގައި މަގުތަކާއި އަޅާ ބަލާއިރު އިންތިހާއަށް އުޅަނދުތައް ގިނައެވެ. އަދި އުޅަނދުތައް ތިބީ ހާހުންކަމަށްވުމުން މިވަގުތު މިކަން ކުރުމުގައި މާ ބޮޑު ދަތިތަކެއް އާންމު މަސައްކަތްްތަކަށް ނުކުރާނެއެވެ. ފަހަށް މަޑުކޮށް އުޅަނދުތައް ގިނަވާ ވަރަކަށް މިފަދަ ކަމެއް ތަންފީޒުކުރުން ދަތިވަމުންދާނެއެވެ.

މިކަން ކުރަންޏާ މަގުތައް މަތީ ހަރަކާތްތެރިވާ ފުލުހުންވެސް ޒިންމާދާރުވުން މަޖުބޫރުވާނެއެވެ. މަގުމަތިން މީހުން ހުއްޓުވައި ލައިސެންސް ޗެކު ކުރާއިރު އިންތިހާއަށް ރޭންޑަމްކަަށް ދެއްކެން ކުރާ މަސައްކަތްތަކުގެ ތެރެއިން އަސްލު މަގުސަދު ހާސިލެއް ނުވެއެވެ.

މަޑުން ދުއްވާފައި ދާ މީހާ ހުއްޓުވައި އެމީހާގެ ލައިސެންސް އޮތްތޯ ބަލަން ހުންނައިރު ކައިރިން ރާސްލާފައި ދާ އުޅަނދަށް އަޅާ ނުލެވިދާ މަންޒަރު ފެނެއެވެ. އޭގެ ބަދަލުގައި އަސްލުވެސް ނުގަވައިދުން އުޅޭ މީހުން ހުއްޓުވައި ގަވައިދަށް ފައްތަން މަސައްކަތްކުރަން މާ ރަނގަޅެވެ. ރޭންޑަމް ޗެކު ނުކުރާކަަށް ނުބުނަމެވެ. އެހެންނަމަވެސް ސާފުކޮށް ގަވައިދާއި ހިލާފުވާ މީހާއަށް ފިޔަވަޅު އަޅަން ކޮންމެހެންވެސް ބޭނުންތެރިއެވެ.

މިފަދަ ވަސީލަތެއް އުޅަނދުތަކުގައި ހަރުކުރުމުން ލިބޭ އިތުރު ފައިދާއެއްވެސް އެބަ އޮތެވެ. ބައެއް ވަސީލަތްތަކުން އުޅަނދުތައް އޮންނަ ތަން އަންގުވައިދިނުން ފަދަ ޓްރެކިންގް ހިދުމަތްތައްވެސް ލިބިދެއެވެ.

އެހެންކަމުން ޓެކްސީގެ ހިދުމަތް ދިނުމުގެ ތެރެއިން ފެންމަތިވާ މައްސަލަތައް ހުއްޓުވުމާއި، ތަހުގީގީ މަސައްކަތްތަކުގައި ފަސޭހަކަން ލިބިދިނުން ފަދަ ކުރިއެރުންތައް ހޯދޭނެއެވެ. ކުރިއަށް އޮތްތާނގައި ތިލަމާލެ ބުރިޖު ހުޅުވާލުމުން ޓްރާންސްޕޮޓޭޝަން ހިދުމަތަށް އަންނާނެ ބޮޑެތި ބަދަލުތަކާއިއެކު އިތުރުވެގެންދާނެ މައްސަލަތައް ކުޑަކުރުމަށް މިފަދަ ރައްކައުތެރިކަމުގެ ފިޔަވަޅުތަކުގެ ބޭނުން ޔަގީނުންވެސް ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: