ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން އެކުލަވާލި ޖޮއިންޓް ޓާސްކްފޯރސްއިން ހިންގަން ފެށި އޮޕަރޭޝަންގެ ނަތީޖާ ފެންނަމުންދާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިކަމަށެވެ. މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ.
އެ މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން އާއްމު ކުރި ފޮޓޯތަކުގައި ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ޑޮލަރާއި އަދި އެކި ގައުމުތަކުގެ ފައިސާ ފެންނަން ހުއްޓެވެ.
އެކަމާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ރައީސް މުއިއްޒުގެ ޙާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯރސްއިން މިއަދު ހިންގަންފެށި މިއޮޕަރޭޝަން ގައި ބައިވެރިވާ އެއްމެހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިއްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.
17 ނޮވެމްބަރުގައި ހުވާ ކުރެއްވުމަށްފަހު ޤައުމުގައި މޫލާފަހުރި ދާހިލީ ސަލާމަތާއިގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުންކަމަށެވެ.
ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެހެން ބައެއް މުވައްސަސާތައް ހިމަނައި ޕްރޮގްރާމް ފުޅާކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ލަފާދެއްވާފައި ވަނީ މި މައްސަލައިގައި ސަރުކާރާއި ދައުލަތުގެ އެއް ވުޒާރާ އަނެއް ވުޒާރާ ގުޅިގެން އަވަސް ހައްލެއް ހޯދުމަށް ކަމަށެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއިން ހޯދުމުގެ މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއާއި އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އިކޮނޮމިކް މިނިސްޓްރީ ޓާސްކްފޯހުގައި ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެކަން ފާހަގަކޮށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީ ބައިވެރިވެ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.
މި އޮޕަރޭޝަނާއިއެކު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުމަށްޓަކައި އަތޮޅު ތެރެއަށް ދާ މައްސަލަ ބޮޑުވެ އަތޮޅު ތެރެއަށް އޮޕަރޭޝަން ފުޅާކުރުމަށް މިހާރު އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

