ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމެއް ނޫންކަމަށާއި، ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ބުނެފައިވަނީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުގެ މައްޗަށް ބުރަވެ ޢިލްމުވެރީން އެއްބަސްވެ ވަޑައިގެންފައިވަނީ، ކުރާ ހެޔޮ އަމަލުތައް ގަބޫލުކުރެއްވުމުގައި ދެ ޝަރުތެއް ފުރިހަމަވާން ޖެހޭކަމަށެވެ. މީހަކު ކުރާ އަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫންވެސް އެފަދަ އެހެން ކަންތައް ވާނަމަ އެ އަމަލެއް މާތް ﷲ ގަބޫލުނުކުރައްވާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމެއް ނޫންކަމަށެވެ. އަދި އެ ނޫންވެސް އެ ފަދަ ތަކެއްޗަށް ސަޖިދަކުރުމެއްވެސް ނޫންކަމަށާއި އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ މާތް ﷲ ފިޔަވައި މީސްތަކުން އަޅުކަންކުރަމުން ދިޔަ ފަރާތްތަކަކީ ބާތިލު ފަރާތްތަކެއްކަން އަންގަވައިދެއްވުމާއި، ހައްގުވެގެން އަޅުކަންކުރާން ޖެހެނީ ހަމައެކަނި މާތް ﷲއަށްކަން މީސްތަކުންނަށް އަންގަވައިދެއްވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބައިގައި ބުނެފައިވަނީ މުސްލިމުން ކަންތައްކުރަންވާ ގޮތް ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވައިފައިކަމަށެވެ. މުސްލިމުން އެކި ފަރާތްތައް މާތްކުރަންވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށް ކަމަށާއި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ހަދީޘްތަކާ ހިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެކަން ހަނދާންކޮށްދީ ހެޔޮ އަމަލު ކުރުމުގެ ނަމުގައި އެ ފަދަ ވިޔާނުދާ އަމަލުތަކަށް އަރައިނުގަތުމަށް ހުތުބާގައިވަނީ ބުނެފައެވެ.
އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ މާތް ﷲއަށް ޝަރީކު ކުރުމުން ކަމަށެވެ. ނުވަތަ އެކަލާނގެއާ، އެކަލާނގެ މަހުލޫގުންނާ ހަމަހަމަކުރުން ކަމަށާއި ނުވަތަ އަޅުކަމުގައި ބައިވެރިކުރުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ އެކި ގޮތްގޮތުން މާތް ﷲ އަށް ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދެއްނޫން ކަމަށާއި، އެއް ބަޔަކު ޝަރީކުކުރަނީ އެބައިމީހުންނާއި އެކަލާނގެއާ ދެމެދު ގުޅުންބެހެއްޓުމަށްޓަކައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައިކަމަށެވެ. އަދި އަނެއް ބަޔަކު އެކަލާނގެއަށް ޝަރީކުކުރަނީ އެކަލާނގެ ހެއްދެވި ބައެއް މަހްލޫގުންނަކީ އެކަލާނގެއަށް ލިބިވޮޑިގެންވާ ފަދަ ބާރުތަކަކާއި ކުޅަދާނަކަމަކާއި، އިހުތިޔާރުތަކެއް، ލިބިގެންވާ ފަރާތްތަކެއްކަމަށް ގަބޫލުކޮށްގެންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

