ޖެހިޖެހިގެން ނުރައްކާތެރި އެތައް ހާދިސާތައް ހިނގާ މިއަދު އެތައް ފުރާނައެއް ދުނިޔެ ދޫކޮށްފިއެވެ. މަގުމަތީގައި ބަޔަކު ސަކަރާތެއް ޖެހީތީ އެތައް ބަޔައެއްގެ އާއިލާތައް ބިކަވެގެން ގޮސްފިއެވެ. މަގުމަތީގެ ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު މިއަދު އެބުނާ ރައްކާތެރިކަން ކަށަވަރުވެފައި އޮތީ ކިހާ މިންވަރަކަށްތޯ މިއީ އުފެދޭ ސުވާލެކެވެ. މަގުތަކުގެ ރައްކާތެރިކަން މިއަދު ކަށަވަރު ކުރުމަށް ތިބި މީހުން އެމީހުންގެ ޒިންމާ އަދާކުރަނީ ކިހާ މިންވަރަކަށްތޯ މިއީވެސް އުފެދޭ ސުވާލެކެވެ.
މާޒީއަށް ދަތުރުކޮށްލާ އިރު ހަނދާނަށް އަންނަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭޣައި މާލޭގައި ބަހަކާއި ރޭސް ކާރެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއެކެވެ. އެ ހާދިސާއަކީ އެތައްބަޔަކު ސިއްސުވާލައި މަގުތަކުގައި ގާނޫނާއި ގަވާއިދުތައް ހެދިފައި އޮންނަކަން އަލުން ހަނދާނަށް ގެނެސްދިން ހިތި ހާދިސާއެކެވެ.
އެ ހާދިސާގައި މުޅިއެކު 4 މީހަކަށް ބޮޑެތި އަނިޔާތަކެއް ވެގެންދިޔައެވެ. ދެން އަނެއްކާވެސް ދާދި ފަހުން މަގުމަތީގައި އެއްފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އަނެއްކާވެސް މިބުނާ ޒާތުގެ ރޭސް ކާރަކުން ޖެހި އެތައް އަނިޔާތަކެއް ވެއްޖެއެވެ. އެކަންވެސް ނިމި ދެން ރޭގެ ވަގުތެއްގައި ހަމަ އެބުނާ ޒާތުގެ ރޭސް ކާރެއް ޖެހި އެކްސިޑެންޓު ވީއެވެ. މިފަހަރު މީހެއްގެ ފުރާނަވެސް ހިނގައްޖެއެވެ.
މީސްމީޑިއާއަށް ނަޒަރު ހިންގާލުމުން ފެންނަނީ ރޭސް ކާރުތަކާއި އެ ނޫން ވެސް އެހެން ބާވަތުގެ ކާރުތައް ބާރަށް ދުއްވާ މައްސަލައެވެ. މިކަންކަމާމެދު ވަރުގަދަ ބޮޑެތި ބަހުސްތައްވެސް ކުރެވޭ ތަން ފެނިގެންގޮސްފިއެވެ. އެންމެން އުފައްދާ ސުވާލަކީ މިފަދަ ކަންކަމުގައި ޒިންމާ ނަގާނީ ކޮންބައެއްތޯއެވެ. އަމިއްލަ ނަޒަރުގައި ބުނެލާނަމަ މިކަމުގައި ޒިންމާ ނަގަންޖެހޭނީ އެންމެ މުވައްސަސާއެއް، ނުވަތަ އެއް ބަޔަކު ނުވަތަ އެބުނާ ރޭސް ކާރެއްވެސް ނޫނެވެ. މިކަމަކީ އެކަމުގައި ބައިވެރިވުން އެންމެންވެސް ނަގަން ޖެހޭ ޒިންމާއެކެވެ.
އެންމެ ފުރަތަމަ ފުލުހުންގެ ޒިންމާ ތަކުން ފަށާނަމެވެ. މަގުމަތީގެ ރައްކާތެރިކަމަކީ އެތަން ބަލަހައްޓަން ހުންނަ ބަޔަކާއި ހަވާލު ކުރެވިފައި އޮންނަ ޒިންމާއެކެވެ. އެއީ އަދި ޓްރެފިކް ޕޮލިހުން ވިޔަސް އެހެން ބައެއް ވިޔަސް އެކަމުގެ ޒިންމާ ފުރިހަމައަށް ނަގާ އުފުލަންޖެހޭ ބޮޑު މަސްއޫލިއްޔަތު އަދާކުރުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. އެމީހުންނަކީ ގާނޫނު އޭގެ އެންމެ ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ އަދި ގާނޫނު ތަންފީޒު ކުރުމުގައި މީހެއްގެ ހަމުގެ ކުލަޔާ ނުވަތަ ލައިގެން ހުރި ގަމީހުގެ ކުލަޔަށް ބަލަންޖެހޭ ކަމެއް ނޫނެވެ. ގާނޫނު އޮންނަނެ ޖެހޭނީ ތަންފީޒު ކުރެވިފައެވެ. ނުކުރެވޭ ނަމަ އެއީ ފުލުހުން އެމީހުންގެ ޒިންމާ އަދާ ނުކުރުމެވެ.
ދެން އޮތީ މަގު ބޭނުން ކުރާ މީހުންގެ ވާހަކައެވެ. މަގު ބޭނުން ކުރުމުގައި އަދި ދުއްވާ އެއްޗެހި ދުއްވުމުގައިވެސް ވަކި ގާނޫނު ތަކަކާއި ގަވާއިދުތަކެއް ހުރެއެވެ. މަގު މަތީގައި ދުއްވާ އެއްޗެހި ދުއްވަން ޖެހޭ ވަކި މިންގަނޑެއް އޮވެއެވެ. ދިވެހިރާއްޖޭގައި އާންމު މިންގަނޑަށްވުރެ މައްޗަށް ދުއްވޭ އޮންނަނީ އެންމެ ދެ ތިން ތަނެކެވެ. އަދި އެތަނުގައިވެސް އާންމު މަގުތަކެއް ނުހިމެނެއެވެ. ލިންކު ރޯޑު ތަކާއި ބްރިޖުތައް އެކަންޏެެވެ. މިހެން ކަން އޮތްއިރު މީހާ ދުއްވަން އިނީ ރޭސް ކާރުގައިތޯ ނުވަތަ ލޮރީގަތޯ މިއީ އުފެދޭ ސުވާލެއް ނޫނެވެ. އުފެދޭ ސުވަލަކީ އޭނާ އެ އުޅަނދު ދުއްވަން އިންއިރު އޭނާ އެ އުޅަނދެއްދުއްވީ ކޮން ސްޕީޑެއްގައި ތޯއެވެ. މިއަދު ރޭސް ކާރުވިޔަސް އަދި އިލެކްޓްރިކް ކާރެއް ވިޔަސް ދުއްވަން ޖެހޭ ވަކި މިންގަނޑެއް އޮތްއިރު މައްސަލައަކަށް ވާ ހިސާބަކީ އޭނާ ދުއްވަން އޮންނަ މިންގަނޑަށް ނުފައްތާ ދުއްވުމެވެ.
މަގުމަތީގައި ތިމާ ސައިކަލު ދުއްވާއިރު ބަލަންވީ ހަމައެކަނި އަމިއްލަ މީހާގެ ރައްކާތެރިކަމަކަށް ނޫނެވެ. މަގަކީ ކޮންމެ އުމުރުފުރައެއްގެ މީހުންވެސް އުޅޭނެ ތަނެއްކަން ދަނެގެން ދުއްވާނަމަ ހިތާމަވެރި ހާދިސާތައް މަދުވާނެވެ. ރައްޔިތުން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުން ނޫން ދެންއޮތީ ގާނޫނުތައް މިއަށްވުރެ ބޮޑަށް ނުވަތަ ރައްޔިތުންނަށްހަމަ އޭގެ އުންދަގޫވާ މިންވަރަށް އިސްލާހުކުރުމެވެ.

