ވިޔަފާރީގެ އުޞޫލުން އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ( ބީސީސީ ) ނެރުނު އުޞޫލު ބާތިލްކޮށްފި އެވެ.
ބީސީސީއިން ގެޒެޓްގައި ޝާއިޢުކުރި ޢިއުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ( އެމް.އެފް.ޑީ.އޭ ) އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑާއި ގުޅިގެން ބީސީސީން އެކުލަވާލާފައިވާ ދަފްތަރުގެ އުޞޫލު ބާޠިލުވެފައިވާ ކަމަށެވެ.
އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ މިންގަނޑަކީ، ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީ ގޮތް ބަޔާންކުރާ މިންގަޑެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ( އެމް.އެފް.ޑީ.އޭ ) އިން އަލަށް ކަނޑައަޅައިފައިވާ މިންގަނޑުގައި، އާންމު ޝަރުތުތަކާއި ބަދިގޭގައި ފުރިހަމަ ވާންޖެހޭ ޝަރުތުތަކުގެ އިތުރުން، ހިފާ ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަށްޖެހޭ ޝަރުތުތައް ވަނީ ހިމަނައިފައެވެ.
އާންމު ޝަރުތުތަކުގެ ތެރޭގައި، ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުންނުކުރުމާއި، މިންގަނޑުގެ ދަށުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކީ “ ބޭސިކް ފުޑް ސޭފްޓީ “ ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ އެ އޮތޯރިޓީން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީނު ޕްރޮގުރާމް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. އަދި ކާބޯތަކެތި ވިއްކަން ބަހައްޓާއިރު ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ޤައުމީ މިންގަނޑުގައިވާ ގޮތަށް ލޭބަލް ކުރުން ހިމެނެއެވެ. އަދި 24 ގަޑިއިރަށްވުރެ އިތުރުނުވާ ކާބޯތަކެތީގެ ތެރެއިން ވަކިވަކި އުފެއްދުމުގައި ލޭބަލް ނުކުރެވޭފަދަ އުފެއްދުންތައް ( މިސާލު : ހެދިކާ ) ވިއްކަން ބަހައްޓާއިރު އެތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރުކުރުމަށް ހުއްދަ ދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރަޖިސްޓްރީ ނަންބަރ ލޭބަރ ކުރުން ހިމެނެ އެވެ.
ބަދިގޭގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އަތް ދުވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހުރުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭތަކެތި އަބަދުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި އާމްދަނީ ހޯދުމުގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރުމަށް ވަކި ޙާއްސަ ގަޑިއެއް ކަނޑައެޅިފައިވުމަށް އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑުގައި ހިމެނެއެވެ.
މީގެ އިތުރުން، ހިފާ ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އާންމުދަނީ ހޯދުމަށް ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ތެލި ތަށި ފަދަ ތަކެތި ޙާއްސަކުރެވިފައި ހުންނަށް ޖެހެއެވެ. އަދި ރޯ ނުފިލުވާ ހުންނަ ކާބޯތަކެއްޗާއި އެނޫންވެސް ކާބޯތަކެއްޗަށް ވަކި ޙާއްސަ ތަށި ސަމުސާ ބޭނުންކުރުމާއި، އަދި އެފަދަ ތަކެތި ނެތްނަމަ، ރޯ ނުފިލުވާ ހުންނަ ކާބޯތަކެތި އެހެން ތަކެއްޗަށް ބޭނުން ކުރަންވާނީ އެތަކެތި ޑިސްއިންފެކްޓް ކުރުމަށްފަހުގައި ކަމަށް ޝަރުތުގައި ހިމެނެއެވެ. އަދި ( އެމް.އެފް.ޑީ.އޭ ) އިން ކަނޑައަޅައިފައިވާ މިންގަނޑު ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ އާންމު ސާފުތާހިރުކަން ކަށަވަރުކުރުމާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރާ ބާވަތްތައް ރައްކާތެރި ތަކެތި ކަމަށް ކަށަވަރުކުރުން ވެސް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ކާބޯތަކެތި ރައްކާކުރުމާއި، ގަނޑު ފިލުވުމާއި، ކުނި ނައްތާލުމާއި، ޖަނަވާރާއި ސޫފާ ސޫފިން ރައްކާތެރިކުރުން އަދި ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އަމަލު ކުރަންޖެހޭ ގޮތްތަށް ވެސް ވަނީ ހިމަނައިފައެވެ. އަދި ޓްރެސިބިލިޓީ ބެލެހެއްޓުމާއި ކާބޯތަކެތި ބާޒާރުން އަނބުރާ ނެގުމުގައި އަމަލު ކުރަންވީ ގޮަތްވެސް ވަނީ ހިމަނައިފައެވެ. ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި ތައްޔާރުކުރާނަމަ މިހާރު އެކަމުގެ މަޢުލޫމާތު އީފާސް މެދުވެރިކޮށް ”ދިރިތި“ ޕޯޓަލް އަށް ހުށަހަޅަން ޖެހޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ބަދަލާ ގުޅިގެން، ކުރިން ބީސީސީން ޤާއިމްކޮށްފައިވާ ދަފްތަރުގެ އުޞޫލު ބާޠިލުވެ، އަލަށް އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އުޞޫލުތަކަށް ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

