ދާދި ފަހުން ފަތާ ޓްރެކު ސަރަހައްދުން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި، ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވެއްޖެއެވެ.
މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގައި އެތައް މީހަކު ނިޔާވެފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ އުޅަނދަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. މި އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައިކަމަށްވާއިރު، ނިޔާވެފައިވަނީ ސައިކަލު ދުއްވާފައި އައި އުމުރުހުން 21 އަހަރުގެ މުހައްމަދު ލީވާންއެވެ. މި އެކްސިޑެންޓު ހިނގީ އެ ރޭ ދަންވަރު 1 ޖެހުމަށް ގާތްވެފައިވަނިކޮށެވެ.
ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތައް ލިބުމާއިއެކު، ލީވާންއަށް ފަރުވާދެމުން އައިސްފައިވަނީ އައީ އައިޖީއެމްއެޗްގައެވެ. އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދިޔަކަމަށް މީޑިއާތަކަށް މައުލޫމާތު ލިބިފައިވާއިރު، އޭނާ ނިޔާވެފައިވަނީ ރޭގެ ދަންވަރުގެ ވަގުތުތަކުގައެވެ.
މި ފަހަކަށް އައިސް ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގަމުންދިއުމާއިއެކު، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ބާރު ދުވެލީގައި ދުއްވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު ކަމާ ބެހޭ އިދާރާތަކަށް އަންގާފައެވެ. އަދި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާންވަނީ އެމަނިކުފާނުގެ އެންގުން ތަންފީޒުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުންވެސް މި އަހަރުގެ ތެރޭގައި އެކްސިޑެންޓުތައް ގިނަވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި އަހަރުގެ ތެރޭގައި 1907 އެކްސިޑެންޓު ރެކޯޑުކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

