ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.
އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް މި މަޤާމަށް ޢައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ހަބީބާއި ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ކުރިފުޅުމަތީގައި ހަބީބް ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.
ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަޤާމު ފާއިތުވި ތިން އަހަރު (2021-2024) އަދާކުރައްވާފައެވެ. މީގެއިތުރުން ހަބީބް ވަނީ ޖެހިޖެހިގެން ދެ ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ހަބީބްއަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

