ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި، ވަޒީފާ ދޭ ފަރާތްތަކުން ހޯމް މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތަކުން ހުށަހަޅަން ފޯމުތައް މުރާޖައާކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ދެނެގަނެވޭނެ ގޮތަށް ބަދަލު ގެނެސް އާންމުކޮށްފި އެވެ.
ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތާއި އެކު ހޯމް މިނިސްޓްރީ ދަނީ، ބިދޭސީ މަސައްކަތްތެރިންގެ ފީތަކާއި ކޯޓާގެ ފައިސާ ނުދައްކާ ކުންފުނިތަކުގެ ނަންތައް އާންމު ކުރަމުންނެވެ. ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމުކޮށް މިނިސްޓްރީ ވަނީ ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފަ އެވެ. މުއްދަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ކުންފުނިތައް، އެކެސްޕަޓް ސިސްޓަމުންގެ ހިދުމަތުން އުނި ކުރާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމުގެ ފޯމާއި، ވޯކް ސައިޓް ރެޖިސްޓްރޭޝަނަށް ބަދަލު ގެނެސްފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނިކޮށެވެ.
މިނިސްޓްރީން މިރޭ ކުރި ވަކިން ކުރި ދެ އިއުލާނެއްގައި ވަނީ ވޯކް ސައިޓް ރެޖިސްޓްރޭޝަން އަދި ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން އެކަމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާ އެކި ފޯމުތަކަށް ބަދަލު ގެނައިކަން އިއުލާނުކޮށްފަ އެވެ. މިއީ ބިދޭސީންގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުރާ މަސައްކަތުގެ ދަށުން، ގެނައި ބަދަލެއްކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ބަދަލު ގެނައުމުގެ ބޭނުމެއްކަމަށް މިނިސްޓްރީން ބުނެފައި ވަނީ، ފޯމުތަކުގައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމެވެ. އެގޮތުން އަލަށް އާންމު ކުރި އުސޫލުގައި ވަނީ ބައެއް ލިޔެކިއުންތައް ހިމެނޭ ގޮތަށް ހިމަނާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ސައިޓް ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓު އެގްރިމަންޓު ފޯމް ނުވަތަ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ސައިޓް ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓު އެގްރިމަންޓުގެ ފޯމު ނުވަތަ ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމްގައި ވޯކް ސައިޓެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރު ނުވަތަ ކުއްޔަށް ނަގާފައިވާ ބިމެއް، އިމާރާތެއް ނުވަތަ އުޅަނދެއް އެކްސްޕަޓް ސިސްޓަމްގައި ވޯކް ސައިޓްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރެވެ.
މީގެއިތުރުން އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓްމްގައި ވޯކް ސައިޓުގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރެވެ.
ބިދޭސީންގެ ކަންކަން ވަރުގަދަކޮށް، ހޯމް މިނިސްޓްރީ ވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ކުންފުނިތައް، އެކެސްޕަޓް ސިސްޓަމުންގެ ހިދުމަތުން އުނި ކުރުމަށް ނިންމާފަ އެވެ.
އެކްސްޕަޓް ސިސްޓަމަކީ ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއް ދީ، ހުއްދަތަކާއި ކޯޓާއާއި ގުޅުން ހުރި މަސައްކަތް ކުރިޔަށް ގެންދާ ނިޒާމެވެ. އެހެންކަމުން އެ ސިސްޓަމުގެ ތެރެއިން ކުންފުނި ނަގައި، ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ކުންފުންޏަށް ނުލިބޭނެ އެވެ.

