ބިދޭސީންގެ ކެއިންބުއިމާއި ނިދުމުގެ ކަންކަން ހަމަޖެއްސުމުގައި އާންމު ސިއްހަތުގެ ރައްކާތެރިކަމާއި ސަލާމަތަށް ނުރައްކާވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާނަމަ އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ކޮންޓްރޯލާރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާނު ވަހީދު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ބިދޭސީންގެ އެކަމޮޑޭޝަން ހަމަޖައްސާފައިވާ ބްލޮކެއް ހިމެނޭ ގޮތަށް، މާލޭގެ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ހެންވޭރު ކެފޭއެއްގެ ބަދިގޭގައި ރޯވި އެ އަލިފާންގަނޑު އެ އިމާރާތުގެ ބާކީހުރި ދެ ފްލޯއަށް ފެތުރުއިރު އެތަން ހަދާފައި ލަކުޑި ޑެގެއް އެޅުމަށް ފަހު ޓިނު ބޭނުންކޮށްގެންނެވެ. މި ހާދިސާގައި އަލިފާން އެއްކޮށް ކޮންޓްރޯލް ނުކުރެވި ޖެހިގެން ހުރި އިމާރާތުގެ ދެ ފަންގިފިލާއެއްގައި ވެސް ރޯވި އެވެ.
އެ ސަރަހައްދުގައި އުޅޭ ބައެއް މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުން އަލިފާން ރޯވި ކެފޭގެ މަތީގައި ހަދާފައި ވަނީ ބިދޭސީން ދިރިއުޅޭނެ ކުދި ކޮޓަރިތަކެވެ. އަދި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ދެ ފްލޯގައި 50 އެއްހާ ބިދޭސީން ދިރިއުޅެއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ޝަމްއާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އާންމު ސިއްހަތުގެ ރައްކާތެރިކަމާއި ސަލާމަތަށް ނުރައްކާވާ ގޮތަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިދުމާއި ކެއުމުގެ ކަންކަން ހަމައްސާ ފަރާތްތަކާއި މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.
މިއަދުގެ އަލިފާނުގެ ހާދިސާ ހިނގި ކެފޭއަކީ ވެސް ބިދޭސީންތަކެއް، ބިދޭސީންނަށް ހާއްސަކޮށްގެން ހިންގަމުން އަންނަ ކެފޭއެއްކަމަށް މައުލޫމާތު ލިބެ އެވެ.

