ސޯސަން މަގުގައި ހުންނަ ކެފޭއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.
ސޯސަން މަގު ފެށޭ ހިސާބުގައި ހުރި، ”ގާމަގު ކެފޭ“ ގައި ރޯވީ މިއަދުގެ މެންދުރުގެ 14:40 ހާއިރު އެވެ. ތިން ފަންގިފިލާއަކަށް ހަދާފައިވާ އެ އިމާރާތުގެ ދެވަނަ ފްލޯއަކީ ކެފޭގެ ބަދިގެ އެވެ. އަދި ބާކީ ދެ ފްލޯ ބޭނުން ކުރަނީ ބިދޭސީންގެ އެކަމޮޑޭޝަންގެ ކަންކަމަށެވެ. އަދި އެ ކެފޭއަކީ ވެސް ބިދޭސީންތަކެއް، ބިދޭސީންނަށް ހާއްސަކޮށްގެން ހިންގަމުން އައި ތަނެއްކަމަށް މައުލޫމާތު ލިބެ އެވެ.
މި އިމާރާތުގައި ދިރިއުޅޭ ބިދޭސީންގެ ޖުމްލަ އަދަދު ސާފު ނުވީނަމަވެސް، ބައެއް މަސްދަރުތަކުން އެނގޭ ގޮތުން އެ ތަނުގައި 50 އެއްހާ މީހުން ދިރިއުޅެއެވެ.
އަލިފާން ފޯވި ކެފޭގެ އެހެން ފްލޯތައް ހަދާފައި ވަނީ ޑެގު އަޅައި ވަށައި ޓިނު ޖަހައިގެންނެވެ.
މި ހާދިސާގައި އިމާރާތް އެއްކޮށް އަނދައި، ޖެހިގެން ހުރި އިމާރާތަށް ވެސް ވަނީ އަލިފާންގަނޑު ފެތުރިފަ އެވެ.
އެންޑީއެމްއޭ މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައި ވަނީ 22 ދިވެހިންނާއި، 15 ބިދޭސީއެއް ކަމަށެވެ. އަދި އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ އެހީތެރިކަން ދެމުން ގެންދާކަމަށް ވަނީ ބުނެފަ އެވެ.

