ދިވެހިރައްޔިތަކު ބޭސްފަރުވާ ހޯދަމުންދާ ބަލީގެ ތަފްސީލު އާއްމުކުރުމަކީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެމީހާގެ ޒާތީ ދިރިއުޅުމުގެ ޙުރުމަތްތެރިކަން ނަގައިލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މަގާމުތަކަށް މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރާ ފައިސާގެ އަދަދު ހާމަކުރުމަށް ތަކުރާރުކޮށް ދެކޮޅުހަދަމުންދާ ސަރުކާރަކުން އާއްމު ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ހާމަކުރުން ކުށްވެރިކުރާކަމަށެވެ.
އެކި ތަންތަނުން އާސަންދައިގެ ޚިދުމަތް ކެނޑެމުންދާކަމާއި ޑޮކްޓަރަށް ދެއްކުމަށާއި ބޭސް ނެގުމަށް އާސަންދައިން ކަވަރުކުރާ މިންވަރު މަދުކުރަމުންދާކަން ސަރުކާރުން ދޮގުކުރިނަމަވެސް އެކަމުގެ ދަތިކަން ތަހައްމަލުކުރަނީ ރައްޔިތުންކަމަށާއި އެހެންކަމުން ރައްޔިތުން އެވާހަކަ ދައްކާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ބަލިމީހެއްގެ ބޭސްފަރުވާއަށް ހޭދަކުރި އަދަދު ކަމަށް ބުނެ ބޮޑެތި އަދަދަދުތަކެއް ހާމަކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭސްފަރުވާއަށް އަމިއްލަ ފަރާތްތަކުން ނަމަވެސް އިތުރަށް އެހީއެއް ލިބުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ. ސަރުކާރުން ނުކޮށްދިން ނަމަވެސް އިތުރު އެހީ ލިބުމުގެ ފުރުސަތު މިގޮތަށް ނަގައިނުލުމަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ. އަދި މި ސަރުކާރަށް އައު ކަމެއް ނުކުރެވޭކަމަށާއި ކުރިންސުރެ ރައްޔިތުންނަށް ލިބެމުންދިޔަ ފަސޭހަތަށް ދެމެހެއްޓުން މުހިންމު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މިފަދައިން ފައްޔާޒް ވިދާޅުވެފައިވާއިރު އާސަންދައިން ވަނީ ބަޔާނެއް ނެރެ އެކުންފުނީގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ ޢާއިލާއެއް ޙާލުގައި ޖައްސައިފި ކަމަށް ސޯޝަލްމީޑިއާގައި ދައުރުވަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އިތުރަށް ބަޔާނުގައި ބުނެފައި ވަނީ އުމުރުން 65 އަހަރުގެ އެމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ ޢަރަބިއާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންގޮސްފައިވާ މީހެއްކަމަށެވެ.
އެގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަރުފިޔާ އެމީހާއަށް ހަމަޖައްސައިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އާސަދައިން ވަނީ ބަލި މީހާ ފަރުވާ ދެމުން ދިޔައީ ކޮން ބަޔަކަށް ކަމާއި އަދި ބިލަތަކަށް ހަރަދުވީ ފައިސާގެ އިތުރުން ތާރީހުތައްވެސް ހާމަކޮށްފައެވެ. މީގެއިތުރުން އެ ކުންފުނިން ބަލި މީހާގެ ބޭސްފަރުވާގެ ކަންކަމުގައި އާއިލާއަށް ވާހަކަ ދައްކައިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

