ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ الله ގެ ސުންނަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދު އިއްވި ހުތުބާގައި ބުނީ الله އަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައި ކަމަށެވެ. އެހެނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ الله ގެ މަތިވެރިވެގެންވާ ޙިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އެގޮތުން މި ދުނިޔޭގައި މި ފަދަ އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ الله ފޮނުއްވެވި ރަސޫލުބޭކަލުންނަށް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
ސަޢުދު ބުނު އަބީ ވައްޤާޞް رضي ﷲ عنه، ނަބިއްޔާ އާ ސުވާލު ކުރެއްވެވިއެވެ. މާނައީ: ”އޭ ﷲގެ ރަސޫލާއެވެ. އެންމެ ބޮޑަށް މުޞީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ކޮންބަޔަކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ނަބީބޭކަލުންނާއެވެ. ދެން (އީމާންކަމުގެ ގޮތުން) އެއާ ޖެހުނު މީހުންނެވެ. ދެން އެއާ ޖެހުނު މީހުންނެވެ. ފަހެ، އިންސާނާ އިމްތިޙާނުކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންނެވެ.“
ޚުތުބާގައި ބުނީ މާތް الله ގެ ނަބިއްޔާ އައްޔޫބްގެފާނު އެކަލާނގެ ކުރެއްވި އިމްތިޙާނާ ކުރިމަތިލެއްވި ގޮތް ހަނދާނަށް ގެންނައުން މުހިއްމު ކަމަށެވެ.
ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. މާނައީ: ”ހަމަކަށަވަރުން الله ގެ ނަބިއްޔާ އައްޔޫބުގެފާނު އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގަތް އާލާސްކަންފުޅުގައި އަށާރަ އަހަރު ހޭދަކުރެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެކަލޭގެފާނުގެ ހުރިހައި ރަޙްމަތްތެރީން އެކަލޭގެފާނު ދޫކޮށްދިޔައެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ޒިޔާރަތްކުރަމުންދިޔަ އެކަލޭގެފާނުގެ އެންމެ އަރިސް ދެ އަޚަކު ފިޔަވައެވެ.“
ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله އަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިއެވެ.
ކީރިތި ޤުރްއާނުގައި މި ފަދަ ޢިބުރަތްތެރި ވާހަކަތައް الله تَعَالَى ބަޔާންކޮށްދެއްވަނީ އެ ފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙު ކުރުމަށް ޓަކައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: ”އަދި رسولންގެ خبرތަކުގެ ތެރެއިން މި އެންމެހައި خبرތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި خبرތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، حق ތެދުބަސްފުޅެވެ. އަދި مؤمن ތަކުންނަށް وعظ އަކާއި، ހަނދާންކޮށްދިނުމެކެވެ.“
ޚުތުބާގައި ބުނީ އެކަލޭގެފާނުގެ ކެތްތެރިކަމާއި ޘާބިތުކަމުގެ ސަބަބުން الله އެކަލޭގެފާނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވާފައިވާ ކަމަށެވެ. އަދި އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަން ކަމުގައެވެ. އަދި ޝިފާލިބުމާއި، ކާމިޔާބުލިބުން ވަނީ ﷲގެ ހަޟުރަތުންކަން ކަމުގައެވެ.
އެކަލޭގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހައި ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދު ވެސް އެކަލޭގެފާނު الله އަށް ޛިކުރުކުރުމާއި އަޅުކަން ކުރުމުގައި ދެމިއޮންނެވިކަން ފާހަގަކޮށް ޚުތުބާގަ ބުނީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއް ކަމަށެވެ. އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަމުން ދާާ ކަމަށެވެ.
ޚުތުބާގައި ބުނީ އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، އަހަރެމެން الله އަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިޙާނު ކުރައްވާނެ ކަން ކަމަށެވެ. އަދި ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރްބާނީ ކަމަށާ އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދު ވެސް އެ ކަމަނާ އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވި ކަމަށެވެ.

