މާލީ މުއާމަލާތްތައް ކުރާއިރު ދިވެހި ރުފިޔާގެ ބޭނުންކުރެވޭ ގޮތަށް މަގުފަހިކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީ އަދި ޕީޕަލްސް ބެންކް އޮފް ޗައިނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ދިވެހި ސަރުކާރު އަދި ޕީޕަލްސް ބެންކް އޮފް ޗައިނާ ދެމެދު ގާއިމުކުރެވުނު އެމްއޯޔޫގެ ދަށުން ކަރަންޓު އެކައުންޓު ޓްރާންސެކްޝަންސްތައް ސެޓްލް ކުރާއިރުއާއި ޑައިރެކްޓް އިންވެސްޓުމެންޓުތައް ހަދާއިރު، ލޯކަލް ކަރަންސީ ބޭނުންކުރެވޭ ގޮތަށް ފްރޭމްވޯކްއެއް އެކުލެވިގެންދާނެއެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން މިއީ ޖެނުއަރީ މަހުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރަށް ފަހު ލިބިފައިވާ ކުރިއެރުންތަކެއްކަމަށާއި، އެ ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް އާއި ދެމެދު ކުރެއްވި މަޝްވަރާތަކުގައި މިހާރު ދެގައުމުގެ ދެމެދު އޮތް ގުޅުމުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމާއި ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން ހިޔާލު ބަދަލުކުރެވިފައިވާކަމަށެވެ.
މި ފްރޭމްވޯކް އެއްބަސްވުމުގެ ސަބަބުން ލޯކަލް ކަރަންސީއިން ޕޭމަންޓުތައް ސެޓްލް ކުރުމަށް ފަހިވެގެންދާނެކަމަށްވުމުން ޗައިނާއިން މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިންނަށް ލުއިތައް ލިބިގެންދާނެއިރު ކްރޮސް ބޯޑާރ އިންވެސްޓުމެންޓުތަކަށްވެސް މަގުކޮށިގެންދާކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ.

