ކަމަނާ ފިލްމަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބި ހުރިހާ ޝޯއެއްގެ ޓިކެޓް ހުސްވުމުން ވަދާއީ ފަސް ޝޯއެއް ބޭއްވުމަށް ޓިކެޓް ވިއްކަން ފަށައިފިއެވެ.
ހުސެން މުނައްވަރު ޑައިރެކްޓްކުރި ފިލްމު ކަމަނާގެ ހުރިހާ ޝޯއެއްގެ ޓިކެޓް ހުސްވުމުން ވަދާއީ ފަސް ޝޯގެ ޓިކެޓު ވިއްކަން ފަށައިފައިވަނީ ސެޕްޓެމްބަރ 15 އަދި 16 ވަނަ ދުވަހެވެ. ވަދާއީ ޝޯތައް ކުރިޔަށް ގެންދަނީ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ކުން ރޭގަނޑު 8:30 އަދި ރޭގަނޑު 11:30 ގައެވެ. މީގެ އިތުރުން 16 ވަނަ ދުވަހުގެ ރޭ ބާއްވާ ދެ ޝޯވެސް އޮންނާނީ ރޭގަނޑުއެވެ.
އޯގަސްޓް މަހުގެ 27 ގައި އޮލިމްޕަހުގައި އެޅުވި މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ކުރިޔަށް ގެންދިއުމަށް ރާވާފައި އޮތީ ސެޕްޓެމްބަރު މަހުގެ 14ގެ ނިޔަލަށެވެ. ރޭގަނޑު 8:30 ގެ އިތުރުން ރޭގަނޑު 11:30 ގައިވެސް ޝޯތައް ބާއްވަމުން ގެންދާ މި ފިލްމުގެ އިތުރު ޝޯތަކެއްގެ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހާއި, 11 ވަނަ ދުވަހުގެ އިތުރުން 13 ވަނަ ދުވަހުގެ އިތުރު ގަޑި ތަކުގައި ބޭއްވި ޝޯތަކުގެ ޓިކެޓްތަވެސްވަނީ ހުސްވެފައެވެ.
ނިމިދިޔަ ހަފްތާގެ ބަންދުގައި އަތޮޅުތަކުގައި އެކަނިވެސް ފިލްމުގެ 32 ޝޯއެއް ކުރިޔަށް ގެންގޮސްފައިވާއިރު އޮލިމްޕަހުގައި ބޭއްވި ޝޯތަކުގެ ޓިކެޓްނެގުމަށް ދިގު ކިއުތަކެއް ހަދާފައިވެއެވެ. ކިޑް ޕްރޮޑަކްޝަނާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދިން މި ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު ”ލޯބިވެވިއްޖެ“ ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރުއެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރުއެވެ. މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާއިރު މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ. ”ކަމަނާ“ މި ފިލްމް ފެށެނީ ހއ މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުން ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުން ކަމަށެވެ.
ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާ މަންޒަރު ފެނިގެން ދެއެވެ. މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލުކަމަށާއި އަދި މިއީ އައްޒަގެ ފިލްމީ ކެރިއަރގައި އޭނާ ފެނިފައި ނުވާފަދަ ރޯލެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ފިލްގައި ހައިދަރުގެ ބައި އަދާކުރަނީ ޔޫސުފް ޝަފީއު(ޔޫއްޕެ)އެވެ. އަދި މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި އާޝާ ފެނިގެންދާނީ ފިލްމުގެ މުޅި ނެރެޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިއްމު ރޯލަކުންނެވެ. އެ ތިން ބައިވެރިންގެ އިތުރުން, ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާގެ ކެރެކްޓަރތަށްވެސް ފިލްމު ކުރިޔަށް ގެންދިއުމުގައި މުހިއްމު ރޯލްއެއް އަދާކުރެއެވެ.
މި ފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯސެވެ. ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު ”ލޯބިވެވިއްޖެ“ ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމެވެ.

