ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީގެ އެކްސިޑެންޓް، ރައްޔިތުން ފަރުދީ ޒިންމާ އަދާކުރޭތޯ؟

ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތީގެ އެކްސިޑެންޓްތައް އިންތިހާއަށް ގިނަވަމުން ދިއުމަކީ މިއަދު ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް މައްސަލައެކެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމާއިމެދު ޝައްކެއްވެސް ނެތެވެ. މި މައްސަލައިގެ މައިގަނޑު ސަބަބުތަކާއި، އޭގެ ނޭދެވޭ އަސަރުތަކާއި، އަދި މިކަމަށް ގެނެވިދާނެ ޙައްލުތަކުގެ މައްޗަށް ނަޒަރު ހިންގާލާނަމެވެ.

ރާއްޖޭގައި ލައިސަންސް ދޫކުރާ އުސޫލަކީ މި މައްސަލައިގެ މައިގަނޑު އެއް ސަބަބު ކަމުގައި ބުނެވިދާނެއެވެ. ސުވާލު އުފެދޭ ކަމަކީ ލައިސަންސް ލިބި މަގަށް ދުއްވަން މި ނިކުންނަނީ، ހަޤީޤާތުގައިވެސް ދުއްވުމަށް ރަނގަޅަށް ތައްޔާރު ވެފައިވާ މީހުންތޯއެވެ. ލައިސަންސް ދޫކުރުމަށް ނަގާ ތިއަރީ އިމްތިހާނަކީ އެތައް ބައެއް އަތުގައި ދައުރުވާ އަދި ލީކުވެފައިވާ އިމްތިހާނެއް ކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އެހެންކަމުން ތިއަރީ އިމްތިހާނުން ގިނަ ފަރާތްތަކެއް އެންމެ ފަހަރަކުން ފާސްވާތަން އާދެއެވެ. މިކަމުގެ ސަބަބުން އަމަލީ މައިދާނުގައި، މަގުމަތީގެ ބައެއް ގަވައިދުތައް ނޭގި، އަތަށް ލައިސަންސް ލިބޭތަން އާދެއެވެ.

މާލޭގެ މަގުތަކަށް ބަލާނަމަ، އުޅަނދެއް ދުއްވާފައި ދާއިރު އިހްސާސް ކުރެވެނީ މާ ސިންގާ ކަނޑުގެ ތެރޭގައި ލޯންޗެއް ދުއްވަމުންދާ ކަމުގެ އިހްސާސް އެވެ. އެހެން ކަމުން ހުޅުމާލޭގެ ޑްރައިވިން ސްކޫލުން ލައިސެންސް ނަގައިގެން އަންނަ ފަރާތްތަކަށް މާލެ ތެރޭގައި ދުއްވުމަށް އުދަގޫ ވެގެނެ ދެއެވެ. އެގޮތުން ބުނަނީނަމަ، ޑްރައިވިން ސްކޫލުން އެންމެ އެކަށޭނެ ގޮތަށް ތަމްރީނު ދެވިފައެއް ނެތެވެ.

ދެވަނަ ކަމަކަށް ބަލައިލާނަމަ، ވެރިރަށް މާލޭގެ ޓްރެފިކްގެ ޙާލަތަށް ބަލާއިރު، މިއީ ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ކަމެކެވެ. މާލޭގެ މަގުތައް ހަނިވެފައި، އާބާދީ އާއި އުޅަނދުފަހަރުގެ އަދަދު ގިނަވުމުގެ ސަބަބުން ޓްރެފިކް ޖާމްވުމަކީ އާންމު ކަމަކަކަށް ވެފައިވެއެވެ. މިފަދަ ޙާލަތެއްގައި ކުޑަ އިހުމާލަކުންވެސް އެކްސިޑެންޓެއް ހިނގުމުގެ ފުރުޞަތު ބޮޑު ވެގެން ދެއެވެ.

މިކަން މިހެން ދިމާ ވަނީ އެތައް ބައިވަރު ސަބަބުތަކަކާއި ގުޅިގެންނެވެ. ޕާކް ކުރާނެ ޖާގަ ނެތުމުގެ އިތުރުން، ގަވައިދާ ހިލާފަށް ބާރަށް ދުއްވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު ނޭޅުމަކީ އެފަދަ ކަންކަން އާންމު ވުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ޤަވައިދާ ޙިލާފަށް ދުއްވާ ފަރާތްތައް ޖޫރިމަނާކުރި ކަމުގައި ވީ ނަމަވެސް ފެނިގެން ދަނީ ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލު ވެގެންދާއިރު، ޖޫރިމަނާ ތައް މާފުކުރާ މަންޒަރު އެވެ.

މާލޭގެ މަގުތަކަކީ ހަނި މަގުތަކަކަށް ވެފައި، ޓްރެފިކް ބާރު ބޮޑު މަގުތަކަކަށް ވާއިރުވެސް، ހަތަރު ފުރޮޅުލީ އުޅަނދުތަކާއި، 2 ފުރޮޅުލީ އުޅަނދުތަކުގެ ތެރޭގައިވެސް، އާންމުކޮށް ބޭނުން ކުރާ އުޅަނދު ތަކާއި ޚިލާފަށް، އިންޖީނުގެ އަޑު ބާރު، އަވަހަށް ދުވެލި ނަގާ ބައެއް އުޅަނދުތައް އެބަ ހުއްޓެވެ.

އާންމުން ދުއްވާ އުޅޭ މަގުތަކުގައި އެފަދަ އުޅަނދުތައް ދުއްވުމަށް ދުއްވަމުން ދެއެވެ. ހަގީގަތަށް ބުނާނަމަ، މައްސަލައަކީ އެ ބުނާ “ ސްޕޯޓް ކާރެއް ނޫން “ މައްސަލައަކީ މަގުމަތީގެ ޤާނޫނުތަކާއި ޤަވައިދުތަކާއި ޙިލާފަށް ދުއްވަމުން އަންނަ ބައެއް ފަރާތްތަކެވެ. އެފަދަ ބައެއް ފަރާތްތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެން ދެއެވެ.

އެކްސިޑެންޓްތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ ވަރަށް ބޮޑެތި ގެއްލުންތަކެކެވެ. އެކަމުގެ ސަބަބުން ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ މަރުގެ ތުންފަތްމައްޗަށް ވެޓޭ ފަހަރުވެސް އާދެއެވެ. ފުރާނަ ސަލާމަތް ވީ ނަމަވެސް. އުމުރުދުވަހަށް ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ތިބެން ޖެހިފައިވާ މީހުންގެ އަދަދުވެސް މަދެއް ނުވާނެ އެވެ. މީގެ އިތުރުން މުދަލަށް ލިބޭ ގެއްލުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވެގެން ދެއެވެ.

ތަހުޒީބު މުޖުތަމައުތަކަށް ބަލައިލައިފި ނަމަ، ފަސްޓް އެއިޑް ތަމްރީނު ތަކަކީ، ސްކޫލް ދައުރުން ފެށިގެން ދަރިވަރުންނަށް ދެމުން ގެންދާ ތަމްރީންތަކެކެވެ. މި ކަމުގެ ސަބަބުން އެކްސިޑެންޓް އެއް ވެގެން ހާލަތު ގޯސްވާ ފަރާތްތަކަށް އަވަސް ހިދުުމަތް ދެވޭނެ ގިނަ ފަރާތްތަކެއް އުފެދިގެން ދެއެވެ. ނަމަވެސް ރާއްޖޭގައި އާންމު ފަރުދުންގެ ތެރޭގައި ފަސްޓްއެއިޑް ގެ ތަމްރީން ލިބިފައިވާ މީހުން ނިސްބަތުން ވަރަށް މަދެވެ.

ކަން މިހެން ހުރި އިރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މިވަނީ މުހިންމު ވެފައެވެ. ލައިސަންސް ދޫކުރާ ހިސާބުން ފެށިގެން، ބާރު ދުވެލީގައި ދުއްވާ ފަރާތްތައް ދެނެގަނެ ކުށަށް އެކަށީގެންވާ އަދަބުތައް ދިނުމަކީ އެމީހާ ދެވަނަ ފަހަރަށް އެފަދަ އަމަލުތަކާއި ދުރު ކުރުވާނެ ކަމެކެވެ. އަި ލައިސަންސް ޓެސްޓް ގެ ގަވައިދުތައް ހަރުކަށި ކުރުމަކީވެސް މިއަދު ކުރުން މުހިންމު ކަމެކެވެ.

މުޖްތަމައުތެރޭ އެކި ލެވެލްގައި މަގުމަތީގެ ގަވައިދުތަކަށް ޚާއްސަކޮށް އެކި ކަހަލަ ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގުމަކީ މައުލޫމާތު މުއްސަނދި، ޒިންމާދާރު ފަރުދުންތަކެއް ދިރިއުޅޭނެ މުޖްތަމައުއެއް އުފެއްދިދާނެ ކަމެކެވެ. ގަވައިދުތަކަށް އާންމުން އަހުލުވެރި ކުރުވައި، އެ ގަވައިދުތައް ފަހަނައަޅައި ދާ ފަރާތްތަކާއި ޤާނޫނު އަރާ ހަމަ ކުރުމުން ހަމަ ޔަގީނުންވެސް މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެއެވެ.

މިއަހަރުގެ މިހާތަނަށް 1900 އަށް ވުރެން ގިނަ އެކްސިޑެންޓް ވެފައި އެބަވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ފިޔަވަޅު ތަކެއް އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގައިފައެވެ. އޭގެ ތެރޭގައި މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް ވަނީ އެދިފައެވެ.

މުުވައްސަސާތަކަށް އެންގި ކަންކަމުގެ ތެރޭގައި:

  1. މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  2. ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
  3. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
  4. ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
  5. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  6. ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
  7. ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
  8. މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

މީގެ އިތުރުން، އެކްސިޑެންޓްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދް ވިދާޅުވީ، އެކްސިޑެންޓްތައް ހިނގަނީ ހަމައެކަނި މަގުމަތީގެ ރައްކާތެރިކަން ނުބެލެހެއްޓިގެން ނޫން ކަަމަށާއި، ދުއްވާ ފަރާތްތަކުގެ ފަރުވާ ކުޑަވުމާއި ގަވާއިދާ ގާނޫނުތަކާއި ދޭން ޖެހޭ ސަމާލުކަން ނުދިނުމާއި، އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން ވިސްނަން ޖެހޭ ވިސްނުންވެސް ބައެއް ފަރާތްތަކުގެ ވިސްނުމުގައި ނެތުމުން ކަމަށެވެ.

ސަރުކާރުގެ ވުޒާރާ ތަކުން އެފަދަ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާއިރު، ރައްޔިތުންގެ އެއްބާރު ލުން ލިބުމަކީ ހަޤިޤަތުގައިވެސް މުހިންމު ކަމެކެވެ. އެފަދަ ބޮޑެތި މައްސަލަތަށް ހައްލު ކުރެވޭނީ ސަރުކާރަށް ރައްޔިތުންގެ އެއްބާރުލުމާއެކު ގައި އެވެ. އެހެންކަމުން ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: