ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށް, އަލުން އެ މައްސަލަ ބަލަން ހައިކޯޓުން އެންގި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.
ވ، އާރަށް ކުޔއްށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ ޔޫޓުޔުބް ލައިވް ކުރާ ގޮތަށެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ. ހައިކޯޓުގެ ހުކުމް އިއްވުމުގެ މަޖިލީހުގައި ފަނޑިޔާރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ދަށު ކޯޓުގައި މައްސަލަ ބެއްްލެވި ފަނޑިޔާރު ހައްދަވާފައިވާ ގޯސްތަކެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތުގެ ފައިސާ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތާއި ގުޅުވައިކަމަށްވުމާއި އެކު އެ މައްސަލައިގެ ހުކުމް ބާތިލު ކުރުމުން މަނީ ލޯންޑްރިންގެ ކުށުުގެ އުންސުރު ނެތިގެން ދާކަމަށެވެ.
ހުކުމުގައި ވަނީ މައްސަލައިގައި ފަނޑިޔާރު އަމަލު ކުރެއްވި ގޮތުގެ ސަބަބުން، ރައީސް ޔާމީނަށް ދިފާއަށް ލިބެން ޖެހޭ އެތައް ފުރުސަތުތައް ގެއްލި ހައްގުތައް ނިގުޅައިގަނެވިފައިވާކަމަށެވެ. ހުކުމުގައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން، ފައިސާ ލިބިވަޑައިގެންނެވިކަމަށް މާލީ ބަޔާނުގައި އޮތް އޮތުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ވެސް ގޯސްކޮށްކަމަށް ހުކުމުގައިވެއެވެ.

