ރޭ ދަންވަރު ވަގުތެއްގައި ހިޔާ ފްލެޓުތަކުގެ އެޕާޓްމަންޓަކުން އެހީއަށް އެދެމުން ދިޔަ އަންހެނެއް ސަލާމަތްކޮށް ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަންހެނަކު ސަލާމަތްކޮށްދޭން އެދި ރޯ އަޑުއިވޭތީ ފުލުހުން އެޕާޓްމަންޓަށް ދިއުމުން އެ ގެއަށް ވަދެވޭ ގޮތަށް ނުވި ކަމަށެވެ. އަދި ދޮރު ހުޅުވުމަށް ބުނުމުން، އެ އެޕާޓްމަންޓުގައި ކަމެއް ނުހިނގާކަމަށް ބުނެ ދެ މީހަކު ދޮރު ހުޅުވުމަށް ފަހު އަނެއްކާވެސް ދޮރު ލައްޕައި ތަޅުލިކަމަށެވެ.
ދެވަނަ ފަހަރަށް ވެސް ސަލާމަތްކޮށް ދޭން އެދި އަންހެނަކު ހަޅޭއްލަވާ އަޑަށް، ދޮރު ހުޅުވުމަށް ތަކުރާރުކޮށް ބުނެ ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އަންހެން މީހާ ސަލާމަތް ކުރިކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ، ހ. މާމިޔާ އަހުމަދު އުވެއިސް (20 އ) އަދި މއ. ތުރީމޫންސް، މުހައްމަދު މުމީތު (39 އ) ކަމަށެވެ.
އެ މީހުން ހައްޔަރު ކުރީ ކޮންތަނަކުންކަމާއި، އަދި އެ މީހާ ސަލާމަތް ކުރިއިރު މިހާރު އޭނާގެ ހާލަތަކީ ކޮބައިކަން ފުހުން ހާމައެއް ނުކުރެ އެވެ.

