ހުޅުމާލޭގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކުރުމާއި އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށަން ނިންމައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި މަގުތަކާއި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކަމަށެވެ.
މި މަސައްކަތް ފެށުމަށް ނިންމާފައި ވަނީ މާދަމާގެ ހެނދުނު 08:00 ގައެވެ.
ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށިއިރު، އެޗްޑީސީން ވަނީ ހުޅުމާލޭގެ ސަހަރާ ކުރިމަތީ އޮތް ބިން ޓްރާންސްޕޯޓު މިނިސްޓްރީއަށް ދޫކޮށްފަ އެވެ.
މާލޭގެ ސަރަހައްދުގައި ރެޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތައް، ގަވައިދަށް ފެއްތުމަށް ޖާގަ ދިނުމަށް ނިންމައި ސަރުކާރުން ވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ބިމެއް ހަމަޖައްސާފަ އެވެ. ފޭސް ދޭއްގެ ބްރިޖާއި ޖެހިގެން އޮތް މި ހުސް ބިން އެޗްޑީސީން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައި ވަނީ 40 ދުވަހަށެވެ.
މާލޭގެ ސަރަހައްދުގައި ގާނޫނާއި ގަވައިދާއި ހިލާފަށް ބޭނުން ކުރަމުންދާ ވެހިކަލް ހުރިއިރު، ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ މި މައްސަލަ ބޮޑުވީ އެކަމަށް ފުރުސަތު ކުރިން ދެވިފައި އޮތުމުން ކަމަށެވެ. އަދި ގިނަ ބަޔަކަށް އޮތީ ގާނޫނުން ބޭރުން، ގަވައިދާއި ހިލާފު އަމަލުތައް ހިންގުމަށް އާންމުކަމަކަށްވެފައިކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތެއް ވަންދެން އެފަދަ ގޮތަކަށް ގަވައިދާ ހިލާފަށް އުޅެފައިވާތީ ވަގުތުން ވަގުތަށް އަޅާ ފިޔަވަޅުން ނަތީޖާ ނެރެވެން ނެތްކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމަށް ވަގުތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުގެ ދަށުން މިނިސްޓްރީއައި އެޗްޑީސީ މަޝްވަރާތަކެއް ކުރީކަމަށް އަމީން ވިދާޅުވި އެވެ.

