އިންޑިއާގެ ސަރުކާރުންވެސް ދިވެހިރާއްޖެއަށް މާލީ އެހީތެރިކަން ދޭން ތައްޔާރުކަމަށް އެ މަސައްކަތްތަކާއި ގާތުން ހަރަކާތްތެރިވާ ފަރާތަކުން ބައިނަލްއަގުވާމީ މީޑިއާއަށް މައުލޫމާތު ދީފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީތަކުން ދިވެހިރާއްޖޭގެ ރޭޓިންގް ދަށްކޮށް، ދިވެހިރާއްޖެ ބަނގުރޫޓުވުމާއި ގާތަށް ގޮސްފައިވާކަމުގެ ވާހަކަތައް ފެތުރިފައިވާއިރު އެ މައްސަލަ ހައްލުކުރެވޭނީ ދިވެހިންނާއި އެންމެ ގާތުން ހަރަކާތްތެރިވަމުންދާ ބައިލެޓަރަލް ޕާޓްނަރުންގެ އެހީތެރިކަން ލިބިގެންކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ ދަރަނި ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ބުނެފަ އެވެ. އަދި އެ ދަތިތަކަށް ލުޔެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ޗައިނާއާއި ދެމެދު ރުފިޔާއިން މުއާމަލާތްކުރެވޭނެ މަގު ފަހިކުރުމުގެ ގޮތުން ކަރަންސީ ސްވޮޕް ފްރޭމްވޯކްއެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
މިހާރު އިންޑިއާގެ ނޫސްތަކުންވެސް ވަނީ އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް ބުނެ ރިޕޯޓުތައް ޝާއިއުކުރަމުންނެވެ. ވިޔަފާރިއަށް ހާއްސަ ކުރެވިފައިވާ އިންޑިއާގެ ނޫހެއްކަމަށްވާ ”މިންޓް“ އިން ރިޕޯޓުކުރާގޮތުން އިންޑިއާގެ ސަރުކާރު އޮތީ ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ލުޔެއް ހޯދައިދިނުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންދަން ތައްޔާރަށްކަމަށް މަސައްކަތްތަކާއި ގާތުން ހަރަކާތްތެރިވާ ފަރާތަކުން މައުލޫމާތު ދީފައި ވެއެވެ.
ބައިނަލްއަގުވާމީ ވިޔަފާރި ނޫހެއްކަމަށްވާ ބްލޫމްބާގެ ރިޕޯޓެއްގައި އިތުބާރު ހިފޭ މަސްދަރުތަކުން ދީފައިވާ މައުލޫމާތުތަކަށްވެސް މިންޓުންވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ރާއްޖެއަށް އިންޑިއާގެ ރިޒާވް ބެންކާއިއެކު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް ޕްރޮގްރާމްގެ ދަށުން 400 މިިލިއަން ޑޮލަރު ލިބޭނެކަމަށާއި، ސަރުކާރާއިއެކު ވެފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ދިގު މުއްދަތަކަށް ލޯނު ނެގުމަށްވެސް ފަހިވެފައިވާކަމަށް ބުލޫމްބާގުން ރިޕޯޓުކޮށްފައިވެއެވެ.
މިންޓުން ބުނާގޮތުން، ދިވެހިރާއްޖޭގެ ސަރުކާރުން އިންޑިއާގައި މި އެހީތެރިކަން ދިނުމަށް އެދިފައިވާކަން ކަށަވަރު ނުވާކަމަށެވެ. އެހެންނަމަވެސް އޮގަސްޓު މަހުގެ ތެރޭގައި ދިވެހި ސަރުކާރުންވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު ދީފައިކަަމަށްވެސް ރިޕޯޓުގައިވެއެވެ.

