ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ބަޖެޓު ފާސްކުރީ އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށްކަމަށާއި، ރަނގަޅު އިގްތިސާދީ ޕްލޭނަކާއި އެކު ފައިސާ ޗާޕު ކުރަން ނުޖެހޭނެ ގޮތްތައް ހޯދާދީފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
އިގްތިސާދީ ހާލަތު މިހާ ހިސާބަށް އައުމުގެ ޒިންމާ ނަގަން ޖެހޭނީ، ސަރުކާރުން ގަބޫލު ކުރާ ގޮތުގައި އެމްޑީޕީ އެވެ. އެއީ ފައިސާ ޗާޕު ކުރުމާއި، ބޮޑެތި އިންޓްރެސްޓް ރޭޓުގައި ލޯނުތައް ނަގާފައި ހުރުމުގެ އިތުރުން ހަރަދު ބޮޑު ސަރުކާރެއް ހިންގުމެވެ. އެހެން ނަމަވެސް އެމްޑީޕީ ބުނަމުން ދަނީ ނުވަ މަސް ވެގެން ދިޔައިރު ރަނގަޅު މަސައްކަތެއް ކުރެވިފައި ނުވަނީ މި ސަރުކާރަށްކަމަށެވެ.
ސަރުކާރު ހިންގުމަށް އެންމެ ބޮޑަށް ދަތިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ފާހަގަކުރައްވާ ގޮތުގައި ބަޖެޓު ފާސްކޮށް ދިނުމުގައި އަމަލު ކުރި ގޮތުންނެވެ. އަދި 120 ބިލިއަންގެ ދަރަންޏާއި އެކު އޮތް މާލީ ދަތިކަން ހައްލު ކުރާނީ ފައިސާ ޗާޕު ނުކޮށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ގިނަ ނިންމުންތަކެއް ވެސް އިއުލާނު ކުރި އެވެ.
އިގްތިސާދީ ހާލަތުން އަރައިގަތުމުގައި އެހެން ގައުމުތަކުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ. އެ ވީޑިއޯއަށް ވާހަކަ ދައްކަވައި، އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ބައްދަލުވުމުގައިމޮޑެރޭޓަރަކަށް ހުންނެވި މަހުފޫޒް ސުވާލު ކުރެއްވީ އިގްތިސާދު އޮތީ ފައިސާ ޗާޕު ނުކޮށް ކުރިޔަށް ދެވޭނެ ގޮތަކަށް ތޯ އެވެ.
ޖަވާބުގައި ނާޒިލް ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައިރު ވެސް ރިޔާސީ އިންތިހާބުގައި ދައްކަމުން ދިޔައީ ހުސް ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް އޭރު ރިޔާސީ އިންތިހާޕު ރައީސް މުއިއްޒު ކާމިޔާބު ކުރައްވާފައި ވާތީ އިންތިގާލީ މަރުހަލާއެއް އޮތުމުން ބަޖެޓާއި ގުޅުން ހުރި މަޝްވަރާތައް އެކުގައި ކުރެވުނުކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ އޭރު ބަޖެޓުގެ މަސައްކަތްތަކަށް ކުރީ ޕީއެންސީ ބޭނުންވި ގޮތަށްކަމަށާއި، ބަޖެޓު ފަރުމާކޮށްފައި ވާނީ ފައިސާ ޗާޕު ނުކޮށް އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ފަހު ކުރިޔަށް ދެވޭނެ ގޮތަށް ކަމަށެވެ.
އެބޭފުޅުން ބޭނުންވާ ގޮތަށް އެގޮތަށް، ފައިސާ ޗާޕުނުކޮށް ކުރިޔަށް ގެންދެވޭ ގޮތަށް އަޅުގަނޑުމެން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި 2024 ވަނަ އަހަރުގެ ބަޖެޓު އޭރު ފާސްކޮށްދެއްވީ.. މަޖިލީހުން އެބޭފުޅުން އެކަންކޮށްދެއްވީ އެބޭފުޅުން ބޭނުންވި ގޮތަށް.. އެ ފައިސާ ޗާޕުނުކޮށް ބަޖެޓު ހިންގޭނެ ގޮތަށް.. އެގޮތަށް އެބޭފުޅުންނަށް އެކަންކޮށްދެއްވީ..
ނާޒިލް ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ކުރަން ޖެހޭނެ އޮތީ އެންމެ ހާލަތެއްކަމަށާއި، އެއީ ރަނގަޅު އިގްތިސާދެއް ނެތުން ކަމަށެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދަން ޖެހުނު ނަމަވެސް ރިޔާސީ ކެމްޕެއިނުން ފެށިގެން ގޮވަމުން ދިޔައީ ގައުމު ބަނގުރޫޓުވެފައިވާކަމަށާއި، އެ ވާހަކަތަކަށް ބަލައި ފައިސާ ދޭނެ ބަޔަކު ނުވާނެކަމަށް ނާޒިލް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ނާޒިލް ފާހަގަކުރެއްވީ ބޭންކަށް ލޯނަކަށް އެދި ހުށަހެޅުމުން އެ އަދަދާއި އެއްވަރުގެ ރަހުނެއް ހުރިތޯ ނުވަތަ އެ މީހަކީ ލޯނު ދެއްކޭނެ މީހެއްތޯ ބަލާނެކަމަށެވެ. އެހެންކަމުން އެ ވިސްނުމުގައި ބަނގުރޫޓުވެފައިވާ ގައުމަކަށް ފައިސާ ދޭނެ ބަޔަކު ނުތިބޭނެކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ގައުމު މިހާތަލަށް ދިއުމުގެ އަސްލަކީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތައްކަމަށާއި، މަޖިލިސް ކުރީ ދައުރުގައި ބަޖެޓު ފާސްކޮށްދިނުމުގައި ގޯސްތަކެއް ހަދާފައި ނުވާނެކަމަށެވެ. އަދި އިގްތިސާދާއި ގުޅުން ހުރި ޕްލޭންތައް ވެސް ހުންނާނެކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިއަދު ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ އަޅުގަނޑުމެން އެ އޮތީ އެކަންކޮށްދެއްވާފައި އެބޭފުޅުންނަށް އެހެންވީމަ އިގްތިސާދީ ޕްލޭނެއް އޮތިއްޔާ ހަގީގަތުގައި ފައިސާ ޗާޕު ކުރާކަށް ނުޖެހޭނެ..
ރާއްޖެއަށް ފައިސާ ލިބޭނެ ގޮތެއް ނެތުމަކީ ނާގާބިލުކަންކަމަށާއި، ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ލިބިފައިވާކަމަށް ވިދާޅުވި ފެހި ސިގްނަލް ކޮބައިތޯ ނާޒިލް ސުވާލު އުފެއްދެވި އެވެ. އަދި އިންތިގާލީ މަރުހަލާގައި ސަރުކާރާއި ހަވާލުވުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހާލަތު އޮތްގޮތް ރަނގަޅަށް އެނގޭނެކަމަށެވެ.

