އެމްޑީޕީ ސަރުކާރުން ވީރާނާ ކޮށްލާފައިވާ އިޤްތިޞާދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅަށް ޖައްސަވާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ވީރާނާ ކޮށްލާފައިވާ އިޤްތިޞާދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅަށް ޖައްސަވައި އެމަނިކުފާނު ރައްޔިތުން ހެއްވާލާނެ ކަމަށެވެ. އަދި މިހާރު ފެނިގެންދަނީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ރާއްޖެއާއި ޗައިނާ އާއި ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ޗައިނާއާއެކު ސަރުކާރުން އެއްބަސް ވުމެއްގައި ވަނީ ސޮއިކުރައްވައިފައެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކޮށ،ް ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
މިކަމާއި ރިއާޔަތްކޮށް ޝުޖާއު ވިދާޅުވީ، ދިވެހި ވިޔަފާރީ ވެރިންނަަށް ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް ދެ ޤައުމަށް ދަތުރުކޮށް ޔޫއެސް ޑޮލަރާއި ނުލައި އެގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތް ކުރުމަށް ފުރުސަތު ފަހި ވެގެން ދާނެ ކަމަށެވެ. އަދި ދެ ޤައުމުގެ އިންވެސްޓްމަންޓް ތަކަށް ދެޤައުމުގައި، އެޤައުމެއްގެ ފައިސާއިން އިންވެސްޓްކޮށް ހެދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

