އައިއެމްއެފްއާއިއެކު ދިވެހިރާއްޖެއިން މުއާމަލާތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުނުކުރައްވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަށް މާލީ ދަތިކަން ކުރިމަތިވެފައިވާކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، މިނިސްޓަރު ޒަމީރުވަނީ ސްރީލަންކާގައި ހުންނަވައިގެން މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ މާލީ އިދާރާއެއްގެ އެހީތެރިކަން ބޭނުން ވެފައިނުވާކަމަށް ސިފަކުރައްވާފައެވެ.
ފަރަންސޭސި ނޫހެއްކަމަށްވާ ”ފްރާންސް24ަ“ އިން ރިޕޯޓުކޮށްފައިވާގޮތުން ދިވެހިރާއްޖެއިން ދަނީ ދަރަނި އަދާކުރުމަށްޓަކައި މަސައްކަތްތައް ކުރަމުންނެވެ. އަދި އެކަން ކުރަން އުޅެނީ ޓެކްސް އިތުރުކޮށްގެންކަމަށް ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ނޫސްވެރިންވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކޮލޮމްބޯގައި ހުންނަވަނިކޮށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އާއި ސުވާލު ކުރައްވާފައެވެ.
އެގޮތުން ދިވެހިރާއްޖެއަކީ ގައުމުގެ ބޭނުންތަކަށް އަހައްމިއްޔަތުކަން ދޭ ބައިލެޓަރަލް ޕާޓްނަރުންތަކެއް ތިބި ގައުމެއްކަމަށް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެ ނޫހުން ބުނާގޮތުން މިނިސްޓަރު ޒަމީރުވަނީ މިވަގުތު ދިވެހިރާއްޖެއަށް އިންޓަރނޭޝަނަލް މޮނެޓަރީ ފަންޑާއިއެކު މަޝްވަރާތަކެއް ކުރަންޖެހިފައިވާކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަކީ ވަގުތީ މައްސަލައެއްކަމަށާއި ދިމާވެފައިވަނީ ރިޒާވު ދަށަށް ގޮސްލުމުގެ މައްސަލަކަމަށް އެމަނިކުފާނު މައުލޫމާތު ދެއްވިކަމަށް ބުނެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، ޓެކްސްގެ އިސްލާހުތަކާއި، ރާއްޖޭގެ އެސްއޯއީތައް ހަމައަކަށް އެޅުވުމުން މާލިއްޔާތަށް ވެފައިވާ ބުރަ ކުޑަވެގެންދާނެކަމަށެވެ. އެ ނޫހުން ބުނާގޮތުން މިނިސްޓަރު ޒަމީރު ސްރީލަންކާއަށް ވަޑައިގެންނެވީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގުއާއިއެކު އެ ގުައުމުގެ ބެންކިންގް ދާއިރާ އާއި އެހެނިހެން ދާއިރާތަކުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަަށެވެ.
އިންޑިއާ އާއި ރާއްޖޭގެ ދެމެދު އުފެދިގެންދިޔަ މައްސަލައިގެ މައްޗަށްވެސް އަލިއަޅުއްވިކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން ރާއްޖޭގެ ފަސްގަނޑުން އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްފަހު ދެ ގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަންވެސް ހައްލުކޮށްފައިވާކަމަށާއި ސަރުކާރު ވެރިކަމަށް އައިއިރު ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުރިނަމަވެސް އިންޑިއާ އާއި ޗައިނާ ދެމެދުވެސް ގުޅުން ބަދަހިކަމަށް ވިދާޅުވިއެވެ. އަދި ދެ ގައުމުންވެސް ދިވެހިރާއްޖެއަށް އެއްބާރުލުން ދެމުންދާކަމަށް ވިދާޅުވިކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

