ހދ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްހަމީދު އަބްދުއްސައްތާރުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މި އިންތިހާބުގައި އަބްދުއްސައްތާރުގެ އިތުރުން ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓެއް އެކަންޏެވެ. އަދި 736 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މި އިންތިހާބުގައި 560 މީހުން ވޯޓުލައި އޭގެ ތެރެއިން އަބްދުއްސައްތާރަށް ވަނީ 285 ވޯޓު ލިބިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓު ޝިހާމް މުހައްމަދަށް އިންތިހާބުގައި ލިބިފައި ވަނީ 250 ވޯޓެވެ.
ޝިހާމަށް މަރުހަބާ ވިދާޅުވެ އާންމު ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް މަސައްކަތް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން މިއަދު ބޭއްވި އިރު ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ގާނޫނަށް ގެނައި ބަދަލާއި އެކު، އިންތިހާބު ބާއްވާއިރު ދެ ބައި އިލެކްޝްންގެ ދެމެދުގައި 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ އެވެ. އެހެންކަމުން ކައުންސިލް ގޮނޑިއެއް ހުސްވުމާއި އެކު ބަޔާން ކުރާ މުއްދަތުގެ ތެރޭގައި ކެންޑިޑެސީއަށް އިލެކްޝަނުން ހުޅުވާލަން ޖެހޭނެ އެވެ. އެހެން ނަމަވެސް މޭޔަރު ނުވަތަ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވާ ހާލަތެއްގައި، އެ މަގާމަށް 14 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި ޑެޕިއުޓީ މޭޔަރާއި ނައިބު ރައީސް އިންތިހާބު ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގަ އެވެ.

