ޤަވާއިދުތަކާއި އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުންޏަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް ކަމަށެވެ. ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށް ވަނީ ބުނެފައެވެ.
އެ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ ކުފުނީގެ ހުރިހާ މުވައްޒަފުން ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއްކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ. އަދި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް ކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އުސޫލުތަކާއި ޚިލާފަށް ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވާކަމަށެވެ.
އެއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ގޯސް ވާގޮތަށް އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން އެ ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ރައްޔިތުން ސްޓެލްކޯއަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވަނީ ބުނެފައެވެ.
ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ ކަސްޓަމަރުންނަށް ދޭން ބޭނުންވާ އިތުބާރާއި، ޔަޤީންކަމަކީ ކުންފުނިން ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމަށެވެ.
ސްޓެލްކޯއިން ބަޔާން ނެރެފައި ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންފްގެ ޖަލްސާއެއްގައި ބޮޑެތި ތުހުމަތުތަކެއް ސްޓެލްކޯއަށް ކޮށްފައިވާތީއެވެ. އަދި އެ ތުހުމަތު ތަލކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ރީޑިންގ ނަގަން ނުދާކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް ސްޓެލްކޯއިން ވަނީ އެކަން ދޮގުކޮށް ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުކުރާނެ ކަމަށް ބުނެފައެވެ.

